އެތްލެޓިކްސް އެސޯސިއޭޝަން އިން އަސާސީ ގަވާއިދާ ހިލާފަށް އަސާސީ ގަވާއިދު ބަދަލުކުރި ކަމަށް ތުހުމަތު ކުރައްވައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެއްކެވި ވާހަކަފުޅު އެ އެސޯސިއޭޝަނުން ދޮގުކޮށްފިއެވެ.

އާޒިމް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވަނީ އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ކުޅިވަރު ގާނޫނަށް އިސްލާހު ގެންނަ ބިލެކެވެ. އާޒިމް ވިދާޅުވީ ޖުލައި މަހު 29 ގައި އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމުގެ އެއް ދުވަސް ކުރިން އަސާސީ ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އޭރު ދެ ދައުރު ފުރިހަމަކޮށްފައިވާ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލްއަށް ތިން ވަނަ ދައުރަކަށް އިންތިހާބު ކުރުމަށް މަގުފައިވާ ގޮތަށް އާސާސީ ގަވާއިދަށް ބަދަލު ގެނައި ކަމަށް އާޒިމު ތުހުމަތު ކުރެއްވިއެވެ. މި ގޮތުން ކުރިން ރައީސްއަށް އަދާ ކުރެވޭނީ ދެ ދައުރަށް ކަމަށް ބަޔާން ކުރާ މާއްދާއެއް ބަދަލުކުރީ ކަމަށެވެ.

މި ވާހަކަ ދޮގުކޮށް އެތްލެޓިކް އެސޯސިއޭޝަން އިން ނެރުނު ބަޔާނުގައި ވަނީ އާޒިމް ވިދާޅުވެފައިވާ ގޮތަށް އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމުގެ ކުރިން އެސޯސިއޭޝަންގެ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި އިންތިހާބުގެ ކުރިން އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަކީ މަނާ ކަމެއް ވެސް ނޫން ކަމަށެވެ.

އެސޯސިއޭޝަންގެ ރައީސްއަށް ގިނަވެގެން އަދާކުރެވޭނީ ކިތައް ދައުރު ކަމެއް އަސާސީ ގަވާައިދުގައި އެއްވެސް އިރެއްގައި ނެތް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެސޯސިއޭޝަންގެ އެ ބަޔާނުގައިވާ ގޮތުން އެންމެ ފަހުން އެސޯސިއޭޝަންގެ އަސާސީ ގަވާއިދަށް ބަދަލެއް ގެނެސްފައިވަނީ 2015 ގައެވެ. އެއީ 2015 ގައި ވުޖޫދު ކުރެވުނު ކުޅިވަރު ގާނޫނުގައި ކުޅިވަރު އެސޯސިއޭޝަންތަކުގައި ރަޖިސްޓްރީ ކުރަން ޖެހޭތީ ގެނައި ބަދަލެކެވެ. ކުރިން ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ވާން އޮންނާތީ ގަވާއިދު އޮތީ އެ ގޮތަށެވެ.

އެ އެސޯސިއޭޝަނުން ބުނީ މަޖިލީހުގެ މެޖޯރިޓީ ލިޑަރު ކަމަށް ވިޔަސް މަޖިލީހުގައި ވާހަކަ ދައްކަވާއިރު ހާމަ ކުރައްވަން ވާނީ ތެދު މައުލޫމާތު ކަމަށެވެ. އަދި އެ އެސޯސިއޭޝަނާ މެދު ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ވެސް އެތްލެޓިކްސް އެސޯސިއޭޝަނުން އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.