ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު ސާޖީ ރޮބާޓޯ ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ސާޖީ ރޮބާޓޯ ފައްސިވިކަން ހާމަކޮށް ބާސާއިން ބުނީ އޭނާގެ ނަތީޖާ ލިބުމާއެކު އެކަން ކުލަބުގެ އިސްވެރިންގެ ސަމާލުކަމަށް ގެނެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ބާސާއިން ބުނީ ޓެސްޓުތަކުން ސާޖީ ރޮބާޓޯ ފައްސިވިކަން ހާމަވީ އަންގާރަ ދުވަހު ކުރިޔަށްދިޔަ ޓެސްޓުތަކުން ކަމަށާއި މި ޓެސްޓުގައި ސާޖީ ރޮބާޓޯ ފިޔަވާ އެހެން ކުޅުންތެރިން ހެދި ޓެސްޓުތައް ނައްސިވެފައިވާ ކަމަށެވެ. ނަމަވެސް މިކަމާޢި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށް އެ ކުލަބުން ބުނެއެވެ.

ސާޖީ ރޮބާޓޯ ފައްސިވުމާއެކު އެ ކުލަބުން ވަނީ އޭނާ ވަގުތުން އައިސޮލޭޝަނަށް ބަދަލުކޮށްފައެވެ. އަދި ޓީމުގެ އެހެން ކުޅުންތެރިންނާއި އެކަހެރިކޮށްފައިވާ ކަމަށާއި އޭނާއަށް ޓީމާއި އަލުން ގުޅޭނީ ބަލަންޖެހޭ ކަންކަން ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ. އަދި ސާޖީ ރޮބާޓޯ ފައްސިވި ނަމަވެސް އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށްވެސް އެ ކުލަބުން ބުނެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު ސާޖީ ރޮބާޓޯ ހުރީ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެ ދެ މަސް ވަންދެން ކުޅުމާ ދުރުގައެވެ.ސާޖީ ރޮބާޓޯއަށް އަނިޔާވީ ސްޕެނިޝް ލީގުގައި މިދިޔަ ނިވެމްބަރު މަހުގެ 21 ވަނަ ދުވަހު އެތުލެޓިކޯ މެޑްރިޑް އަތުން 1-0 ގެ ނަތީޖާއަކުން ބާސާ ބަލިވި މެޗުގައެވެ.

ބާސާގެ ޑިފެންސް ލައިނަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، އެ ޓީމު އޮތީ ނުވަ މެޗުން 14 ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަތްވަނައިގައެވެ.