ކުޅުންތެރިންތަކެއް ކޮވިޑަށް ފައްސިވުމާއި ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ހުކުރު ދުވަހު އެސްޓަން ވިލާ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު އެހެން ދުވަހަކަށް ފަސްކޮށްފިއެވެ.

މި މެޗު ފަސްކުރުމަށް ޕްރިމިއާ ލީގުގެ ކޮމިޓީން ނިންމީ ނިއުކާސަލްގެ ފަސް ކުޅުންތެރިއަކާއި އެ ޓީމުގެ ދެ އޮފިޝަލަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ. ނިއުކާސަލުގެ ފަސް ކުޅުންތެރިއަކު ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ޓީމު ތަމްރީނުކުރުމަށް ބޭނުންކުރާ ދަނޑު ވަނީ މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ބަންދުކޮށްފައެވެ.

އެހެންކަމުން ވިލާއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރުމަށް ނިއުކާސަލްގެ އެދުމާއި ގުޅިގެން ޕްރިމިއާ ލީގުން ވަނީ މެޗު ފަސްކޮށްދީފައެވެ.މިއީ ކޮވިޑް-19 އާ ގުޅިގެން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ފަސްކުރި ފުރަތަމަ މެޗެވެ. މެޗު ފަސްކުރިއިރު، މި މެޗު ދެން ކުޅޭނެ ތާރީޚެއް އަދި ޕްރިމިއާ ލީގުން އިއުލާންކޮށްފައެއް ނުވެއެވެ.

އެސްޓަންވިލާއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އަށް ފައްސިވި ނިއުކާސަލުގެ އެންމެންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.

ނިއުކާސަލް އެންމެ އަވަހަށް ދެން ލީގުގައި މެޗެއް ކުޅޭނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު އަމިއްލަ ދަނޑުގައި ނިއުކާސަލް ނުކުންނާނީ ވެސްޓް ބްރޮމާ ދެކޮޅަށެވެ.