ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔޫކްރެއިންގެ ޑައިނަމޯ ކީވްގެ މައްޗަށް އިޓަލީގެ ޔުވެންޓަސްއިން ފަސޭހަކަމާއިއެކު ކުރިހޯދި މެޗުގައި އެޓީމުގެ ތަރި ރޮނާލްޑޯ އަނެއްކާވެސް ތާރީހީ އިތުރު ރެކޯޑެއް ހަދައިފިއެވެ.

ޑައިނަމޯ ކީވްގެ މައްޗަށް 0-3 އިން ކުރިހޯދި މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު އޭނާ ވަނީ އޭނާގެ ކާމިޔާބު ކެރިއަރުގައި 750 ލަނޑު ހަމަކޮށްފައެވެ. އެހެންކަމުން މިހާރު އޭނާއަކީ ފުޓުބޯޅައިގެ ތާރީހުގައިވެސް ތިންވަނައަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. 750 ވަނަ ލަނޑު ޖެހުމުގެ ފަހުރު އޭނާ ހޯދީ 1028 މެޗުންނެވެ. އަދި ރޭ އޭނާ ކާމިޔާބުކޮށްދިން ލަނޑަކީ ޔުވެންޓަސްއަށް އޭނާ ކާމިޔާބުކޮށްދިން 75 ވަނަ ލަނޑުވެސް މެއެވެ.

ޔުވެންޓަސްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ފެޑެރިކޯ ޗިއެސާއެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ޔުވެންޓަސްއިން ތަނަވަސްކުރި ނަމަވެސް އިތުރު ލަނޑެއް މިހާފުގައި ފެނިގެން ގޮސްފައެއް ނުވެއެވެ.

ރޮނާލްޑޯ އޭނާގެ ތާރީހީ މިލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އަދި އޭގެ ނުވަ މިނެޓުފަހުން ޔުވެންޓަސްއިން މެޗުގައި ކާމިޔާބުކުރި ފަހުލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސީޒަނުގައި ފާހަގަކޮށްލެވޭ ވަރުގެ މޮޅު ކުޅުމެއް ދައްކަމުން އަންނަ މޮރާޓާއެވެ.

ރޮނާލްޑޯ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 750 ވަނަ ލަނޑާއެކު އެ ކާމިޔާބީއާއި ހަމައަށް ވާސިލްވުމަށް ސީދާ ގޮތުން އަދި ނުސީދާގޮތުންވެސް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް އަދި އޭނާއަށް ސަޕޯޓުކުރާ ފަރާތްތަކަށް ވަނީ ވަރަށް ހާއްސަ ޝުކުރެއް ރައްދުކޮށްފައެވެ.

މީގެއިތުރުން ރޮނާލްޑޯ އާއި އެންމެ ވާދަވެރި ކުޅުންތެރިޔާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ބާސެލޯނާވެސް ވަނީ މިގުރޫޕުގައި ފެރެންކްވަރޯސްގެ މައްޗަށް ކުރިހޯދާފައެވެ. ބާސާވެސް މެޗުން މޮޅުވެފައިވަނީ 0-3 އިންނެވެ.

މެޗުން ބާސާ ފަސޭހަކަމާއިއެކު މޮޅުވެފައިވާއިރު އަރާމުކުރުމަށް ވަގުތު ދިނުމުގެ ގޮތުން އެޓީމުގެ ކޯޗް ކޫމަން، މެސީއަށް ރޭގެ މެޗުގެ ސްކޮޑުން ފުރުސަތުދީފައެއް ނުވެއެވެ.

ބާސާއިން މެޗުގައި ކާމިޔާބުކުރި ތިންލަނޑުވެސް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްފައިވާއިރު ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަންއެވެ. އަދި އޭގެ ހަމިނެޓުފަހުން ބްރެއިތްވެއިޓް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ. ބާސާގެ ފަހުލަނޑު ލިބުނު ޕެނަލްޓީއެއްގައި 28 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޒުވާން ފޯވާޑް އުސްމާން ޑެމްބެލޭއެވެ.

ކުޅުނު ފަސްމެޗުވެސް ކާމިޔާބުކޮށް 15 ޕޮއިންޓާއެކު މިގުރޫޕުގެ އެއްވަނައިގައި އޮތީ ބާސެލޯނާއެވެ. 12 ޕޮއިންޓާއެކު ޔުވެންޓަސް ދެވަނައިގައި އޮތްއިރު ތިންވަނައިގައި ޑައިނަމޯ ކީވް އަދި ހަތަރުވަނައިގައި ފެރެންކްވަރޮސް އޮތީ އެންމެ ޕޮއިންޓަކާއި އެކުގައެވެ.