ޒަމާނީ ފެންވަރުގެ ޓާފް އެޅުމަށްފަހު ލ. ގަން ޒޯން ސްޓޭޑިއަމް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

2007 ވަނަ އަހަރު މަސައްކަތް ނިމި ނަމަވެސް ރަސްމީކޮށް ނުހުޅުވައި އޮތް ގަމު ޒޯން ސްޓޭޑިއަމު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ހައްދުންމަތީ ގަމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި ގަމު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވިސާމުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ ގަމު ޒޯން ސްޓޭޑިއަމުގެ ބިން އެއްވަރުކުރުމުގެ މަސައްކަތަށް 2.59 މިލިޔަން ރުފިޔާ ޚަރަދުވި ކަމަށެވެ.

އޭގެ ފަހުން 4.36 މިލިޔަން ރުފިޔާއަށް ޓާފް އެޅުމުގެ މަސައްކަތް ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީއާއެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ގަމު ޒޯން ސްޓޭޑިއަމުގައި ޓާފް އަޅަން ފެށީ އެ ދަނޑު ވަރަށްބޮޑަށް ހަލާކުވެ، ބޭނުން ނުކުރެވޭ ހާލަތަކަށް ވެއްޓިފައ އޮއްވައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ ދަތި އުދަނގޫ ދުވަސްވަރެއްގައިވެސް އެއް އަހަރުގެ ތެރޭގައި މި މަޝްރޫއު ފުރިހަމަކޮށްދެއްވި ކަމަށްޓަކައި އެމްޓީސީސީ އަށާއި އަމީން ކޮންސްޓްރަކްޝަނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

މީގެއިތުރުން ކުރިމަގުގައި ކުޅިވަރު މުބާރާތްތައް ރާވައި ހިންގާއިރުވެސް ލާމަރުކަޒީ ގޮތެއްގައި އެކަން ކުރެވޭނެ ނިޒާމެއް ހަމަޖައްސައިގެން ކުރިއަށްގެންދެވުމަށް ރައީސް ވަނީ ކުޅިވަރާބެހޭ ވަޒީރުގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 8 ދަނޑެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި އިތުރު 20 ދަނޑުގެ މަސައްކަތް ކުރުމަށް ނިންމާފައިވެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކުރަން ތައްޔާރުވަމުންނެވެ. މި ދަނޑުތަކާއެކު އެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ.