މަރަޑޯނާގެ ޝަރަފުގައި ނާޕޯލީގެ ސޭން ޕައޮލޯ ސްޓޭޑިއަމްގެ ނަން ޑިއެގޯ އަރްމަންޑޯ މަރަޑޯނާގެ ނަމަށް ބަދަލުކޮށްފި އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ ސްޓޭޑިއަމަށް މަރަޑޯނާގެ ނަން ދިނީ ގިނަ މަޝްވަރާތަކަށްފަހު ކަމަށެވެ.

މަރަޑޯނާ މަރުވި ކަމުގެ ހަބަރާއެކު ރޭ މޭޔަރު ލުއިޖީ އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ ރައްޔިތުން ދެކެމުން އައި އެތައް ހުވަފެންތަކުގައި ކުލަ ޖައްސައި ދިން ކަމަށެވެ.

"އޭނާގެ ހުނަރުވެރި ކަމުގެ ސަބަބުން ނާޕޯލީ ފުޓުބޯޅައިގައި މަތީ ހަރުފަތަކަށް ގެނެސްދީފި. އޭނާގެ ޝަރަފުގައި އަހަރުމެންގެ ސްޓޭޑިއަމްގެ ނަން ބަދަލުކުރާނަން". މަރަޑޯނާ ނާޕޯލީއަށް ކޮށްދިފައިވާ ހިދުމަތުގެ އަގު ވަޒަން ކުރާނެކަން ހާމަކުރަމުން މޭޔަރު ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

މަރަޑޯނާ ވަނީ ނާޕޯލީގެ ހަމައެކަނި އިޓާލިއަން ލީގް އޭނާގެ އިސް ދައުރަކާއި އެކު ހޯދައިދީފައެވެ.

"2017 ވަނަ އަހަރު މަރަޑޯނާވަނީ އަހަރުމެންގެ ސިޓިޒަން އޮފް އޮނަ އަކަށް ވެފަ. އޭނާ ވަނީ އަހަރުމެންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދީފަ. މުޅި ނަޕޯލީ ވެސް މަރަޑޯނާ ދެކެ ލޯބިވަން،" ނާޕޯލީގެ ރައްޔިތުންގެ ހިތުގައި މަރަޑޯނާއަށް އޮތް ލޯބި ހާމަކޮށްދެމުން މޭޔަރު ބުންޏެވެ.

މަރަޑޯނާ ނާޕޯލީއަށް ބަދަލުވީ ބާސާގައި ހުރުމަށް ފަހު 1984 ވަނަ އަހަރުއެވެ. އޭނާ ނާޕޯލީއަށް ބަދަލުވި ސީޒަނުގައި 14 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވެއެވެ.