ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހުގެ ކޮނޑަށް އަނިޔާ ލިބި، ކުރިއަށްއޮތް ވޯލްޑް ކަޕް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ގެއްލިފައިވާކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށް، ސަލާހުއަށް ވޯލްޑް ކަޕްގައި ކުޅެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް އޭނާ ނިސްބަތްވާ މިސްރުގެ ޤައުމީ ފުޓުބޯޅަ ޓީމުން ބުނެފިއެވެ.

މިރޭ ކުޅުނު ފައިނަލް މެޗުން ލިވަޕޫލް 1-3 އިން ބަލިވިއިރު މި އަނިޔާ ސަލާހު އަށް ލިބިފައިވަނީ މެޗުގެ 31 ވަނަ މިނެޓްގައި ރެއާލްގެ ސާޖިއޯ ރާމޯސް ކުރި ފައުލަކާ ގުޅިގެންނެވެ. މިރޭގެ މެޗަށް ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ސަލާހު އަށް ލިބިފައިވަނީ ސީރިއަސް އަނިޔާއެއް ކަމަށެވެ.

ނަމަވެސް އޭނާއަށް ހޮސްޕިޓަލުން ފަރުވާދީ އެކްސްރޭ ނެގިފަހުން، މިސްރުގެ ޤައުމީ ޓީމުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ސަލާހުއަށް މިރޭގެ މެޗުގައި އަނިޔާވިނަމަވެސް އޭނާއަށް ވޯލްޑް ކަޕްގައި ކުޅުމުގެ އުންމީދު ބޮޑުކަމަށް ލިވަޕޫލްގެ ސިއްޙީ އޮފިޝަލުން ބުނެފައިވާ ކަމަށެވެ.

އަދި ސަލާހުގެ ކޮންޑަށް ލިބިފައިވަނީ ސީރިއަސް އަނިޔާއެއް ކަމުގައި ކުރިން ބެލެވުނުނަމަވެސް، އެކްސްރޭއަށްފަހު އެނގުނީ އޭނާގެ ކޮނޑަށް ބޮޑު އަނިޔާއެއް ލިބިފައިނުވާކަން ކަމުގައި މިސްރުގެ ޤައުމީ ޓީމުން ވަނީ ބުނެފައެވެ.

މިރޭ ކުޅުނު ޗެމްޕިއަން ލީގުގެ ފައިނަލް މެޗުގައި، ސަލާހު އަށް އަނިޔާވުމާ ގުޅިގެން ދަނޑު މަތީގައި ފަރުވާ ހޯދުމަށްފަހު އަލުން އެނބުރި ކުޅުމުގެ ތެރެއަށް އޭނާ އައިކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ކޮނޑުގައި މާބޮޑަށް ރިއްސާތީ މެޗު އިތުރަށް ކުރިއަށް ނުގެންދެވުމުން ސަލާހު ވަނީ ބަދަލުކޮށްފައެވެ.

މި ސީޒަނުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ސަލާހު އަންނަނީ ދައްކަމުންނެވެ. އެގޮތުން ސަލާހު ވަނީ މި ސީޒަނުގައި ލިވަޕޫލް އަށް ކުޅެދިން 51 މެޗުގައި 44 ގޯލު ކާމިޔާބުކޮށްދީފައެވެ. މި ސީޒަނުގައި ސަލާހު ދައްކާފައިވާ މޮޅު ކުޅުމާއެކު އޭނާ އަށް މިހާރުވެސް ވަނީ ގިނަ އެވޯޑުތަކެއް ވެސް ލިބިގެން ގޮސްފައެވެ. އެގޮތުން މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ލިބިފައިވަނީ ސަލާހު އަށެވެ.

މީގެއިތުރުން ސަލާހު އަށް ވަނީ ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އިންގްލޭންޑްގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފައެވެ.