ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މެޗުތަށް ކުޅޭއިރު ރޯދަ ހިފުމާ ގުޅޭގޮތުން މިސްރުގެ ކުޅުންތެރިން ގޮތެއް ނިންމުމަށް ތައްޔާރުވެއްޖެއެވެ.

ވޯލްޑް ކަޕް ފެށޭނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށްވާއިރު އޭރު ރޯދަ މަސް އޮންނާނީ ގާތްގަނޑަކަށް ނިމިފައެވެ. ނަމަވެސް ވޯލްޑް ކަޕްގެ ކުރިން އެކުވެރިކަމުގެ މެޗުތަކެއް މިސްރުގެ ޓީމުން ކުޅެން ނިންމާފައިވުމުން އެޓީމުގެ ކުޅުންތެރިން ރޯދަ ހިފާނެތޯ ވަނީ ސުވާލު އުފެދިފައެވެ.

އެކަމާ ގުޅޭގޮތުން މިސްރު ޓީމުގެ ކެޕްޓަން އެސާމް އަލް ހަދަރީ ބުނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޓީމުގެ ހުރިހާ ކުޅުންތެރިން ބައްދަލުކޮށް އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށެވެ.

"އަހަރުމެން ނިންމާ ނިންމުން ޓީމުގެ ސްޓާފުންނަށް އަންގާނަން" ހަދަރީ ބުންޏެވެ.

އެކުވެރިކަމުގެ މެޗެއްގައި މި ހަފްތާގައި މިސްރުން ކުވެއިތާއި ދެކޮޅަށް ނިކުންނައިރު މުބާރާތުގެ ކުރިން ކޮލަމްބިޔާ އާއި ބެލްޖިއަމް އާއި ދެކޮޅަށް ވެސް މިސްރުން ވަނީ މެޗުތަކެއް ކުޅުމަށް ނިންމާފައެވެ.

މިސްރު ޓީމުގެ ޑިރެކްޓަރު އިހާބް ލެހެތާ ވިދާޅުވީ ކުޅުންތެރިން ނިންމާ ނިންމުމަށް ކޯޗިން ސްޓާފުން ނުފޫޒު ނުފޯރުވާނެ ކަމަށާއި ރޯދަ ހިފުން އޮތީ ކުޅުންތެރިންގެ އަތްމަތީގައި ކަމަށެވެ.

ވޯލްޑް ކަޕްގައި މިސްރު މިފަހަރު ލައްވާލާފައިވަނީ ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އުރުގުއޭ އާއި ސައުދީ އަރަބިއްޔާގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިޔާއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 15 ވަނަ ދުވަހު މިސްރު ނިކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޙައްމަދު

    ރޭކުޅުނު ޗެމްޕިއަންސް ލީގު ފައިނަލަށް ތައްޔާރު ވުމުގެ ގޮތުން ލިވަޕޫލަށް ކުޅޭ މިސްރުގެ 1 ވަނަ މަޝްހޫރު ކުޅުންތެރިއާ ހުރީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޯދަ ނުހިފާ. ނަތީޖާ ވަރަށް ވެސް ފުރިހަމަ މެޗް ފެށިގެން ގިނަ އިރުތަކެއް ނުވަނީސް ލިބުނު އަނިޔާ އެއްގެ ސަބަބުން ޖެހުނީ ދަނޑުން ފައިބައިގެން ހޮސްޕޓަލަށް ދާން. މިއީ ވިސްނާ ބަޔަކަށް ލިބޭނެ ޢިބުރަތެއް.

  2. އެޑަމް

    މީގެ ކުރިންވެސް މުސްލިމް ކުޅުންތެރިން ރޯދައަށްތިބެ ކުޅެފަ އެބަހުރި.. މިސާލަކަށް ބެންޒެމާ.. ދެން ކީއްވެ މިސްރުގެ ކުޅުންތެރިންނަށް ނުކުޅެވެންވީ...

  3. ހައިދަރު

    ޞަލާހު ހަމަ ރޯދަ ނުހިފާތަ ހާދަ ގަބޫލު ކުރަން ދަތި ކަމެކޭ ތީ