އާ ސީޒަނުގައި ވާދަކުރާ ކުލަބް ވެލެންސިއާގެ ކެޕްޓަނަކަށް އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް ދަގަނޑޭ ވެލެންސިއާގެ ކެޕްޓަނަކަށް ހަމަޖެއްސިއިރު، ޓީމުގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ގޯލްޑް ކެޕްޓަން އަކްރަމް އަބްދުލް ޢަނީއެވެ.

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު ދަގަނޑޭ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރު ވެލެންސިއާއިންނެވެ. ވެލެންސިއާގައި ހަތަރު އަހަރު ދަގަނޑޭ ހޭދަކުރިއިރު، އޭނާ ވަނީ އެ މުއްދަތުގެ ތެރޭގައި ދިވެހި ލީގު ހަތަރު ފަހަރު، ކަޕްވިނާސް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. އަދި މި މުއްދަތުގައި ދަގަނޑޭ ވަނީ ވެލެންސިއާއަށް 104 ލަނޑު ޖަހައިދީފައެވެ.

އެއަށްފަހު ދަގަނޑޭ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ބްރޫނާއީގެ ޑީޕީއެމްއެމް އެފްސީ އާއި، ވީބީ އައްޑޫ އެފްސީ އަދި މެލޭޝިއާގެ ޕީޑީއާރުއެމް އެފްއޭ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ކުލަބު ގްރީން ސްޓްރީޓްސްއަށްވެސް ކުޅެފައެވެ.

ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދާފައިވާ ދަގަނޑޭ ވަނީ ކުލަބު ކެރިއަރުގައި މިހާތަނަށް 410 ލަނޑު ޖަހާފައެވެ. ކެރިއަރުގެ ފަހު އަހަރުތައް ގުނަމުންދާ ދަގަނޑޭ ވެލެންސިއާގެ ކެޕްޓަންކަން ލިބުނުއިރު، މި ސީޒަނަށް ތައްޔާރުވާ އެ ކުލަބަށް ވަނީ ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ.

މުޙައްމަދު އާތިފް (އާތީ) ގެ އިރުޝާދުގެ ދަށުން އާ ސީޒަނަށް ތައްޔާރުވަމުން އަންނަ ކުލަބް ވެލެންސިއާއަށް ވަނީ ފާހަގަކޮށްލެވޭ ކުުޅުންތެރިންތަކެއް ސޮއިކޮށްފައެވެ. އޭގެތެރޭގައި ގޯލްޑް ކެޕްޓަން އަކްރަމް އަބްދުލް ޢަނީ އާއި ސްޕެއިންގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފައިވާ ޒުވާން މިޑްފީލްޑަރ އިސްމާއީލް ޒާން އާމިރުގެ އިތުރުން ފުރަތަމަ ޑިވިޝަނުން ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ގެނެސްފައެވެ.

އާ ސީޒަނުގައި ވެލެންސިއާއިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ބައްދަލުކުރާނީ ކުލަބު ގްރީން ސްޓްރީޓްސްއާ އެވެ.

ކިޔުންތެރިންގެ ހިޔާލު