ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭގެ ކުރިމަގާ ގުޅުން ހުރި އެންމެހާ ނިންމުމެއް ނިންމާނީ އޭނާގެ އާއިލާއިން ކަމަށް އެމްބާޕޭ ބުނެފިއެވެ.

2022 ވަނަ އަހަރުގެ ހޫނު މޫސުމަށް އެމްބާޕޭ ޕީއެސްޖީ އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު ފްރާންސްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ އޭނާ މިހާރު ހުރި ހިސާބަށް ގެނެސް ދިނީ އާއިލާއިން ކަމަށާއި އަދި މިހާތަނަށް އައި އިރު އޭނާގެ ދިރިއުޅުމުގައިވެސް އަދި ފުޓުބޯޅައިގެ ކަންކަމުގައިވެސް މަޝްވަރާ ކުރަނީ އާއިލާއާ އެކު ކަމަށެވެ. އަދި އެމީހުންގެ ބަހެއް ނެތި އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށާއި އޭނާގެ ކުރިމަގާއި ގުޅުންހުރި ނިންމުންތައް ނިންމާނީ އާއިލާއިން ކަމަށް އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ އާއެކު ޕީއެސްޖީ އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން ގާތްގަނޑަކަށް 18 މަސް ދުވަހަށް ވެފައިވާ އިރު ޕީއެސްޖީއިން އޭނާ އެ ޓީމުގައި ބަހައްޓަން ބޭނުން ނަމަ ނުވަތަ އޭނާ ވިއްކާލަން ބޭނުން ނަމަ އަވަސް ނިންމުންތަކެއް ނިންމަން އެޓީމުން ޖެހޭނެއެވެ. އެހެން ނޫނީ ހިލޭ ޓްރާންސްފައެއްގައި އޭނާ އެހެން ކުލަބަކަށް ބަދަލުވެއްޖެ ނަމަ މާލީ ގޮތުން ޕީއެސްޖީއަށް ގެއްލުމާ ކުރިމަތިވާނެއެވެ.

އިންޑިވިޖުއަލް އެތައް ކާމިޔާބީތަކެއް ހޯދާފައިވާ އެމްބާޕޭ ހޯދުމުގެ ރޭހުގައި ޔޫރަޕުގެ ގަދަ ބާރުތައް ކަމުގައި ބެލެވިފައިވާ ކުލަބުތަކުން އަންނަނީ ކެނޑިނޭޅި މަސައްކަތްތައް ކުރަމުންނެވެ. ހާއްސަ ގޮތެއްގައި ދުނިޔޭގެ އެންމެ ކާމިޔާބު އަދި އެންމެ ޝަރަފުވެރި އެއް ކުލަބު ކަމުގައިވާ ރެއާލް މެޑްރިޑުން ފާއިތުވީ ތިން އަހަރު ތެރޭގައި އެމްބާޕޭގެ ސޮއި ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމުގެ އަޑުތައް ބޭރުގެ މީޑިއާތަކުގައި ފެތުރިފައިވެއެވެ.

އެހެން ޓީމުތަކުން އެމްބާޕޭގެ ސޮއި ހޯދުމަށް އިންތިޒާރު ކުރަމުންދާ އިރު ޕީއެސްޖީ އިން ވެސް އަންނަނީ އެމްބާޕޭގެ އެޖެންޓާއި ހުދު އެމްބާޕޭ އާވެސް މަޝްވަރާކުރަމުން އަންނަކަން ހާމަކޮށްފައެވެ. އެ ޓީމުގެ ރައީސް ނާސިރު އަލް ހިލައިފީ ބޭރުގެ މީޑިއާއެއްގައި ދިން އިންޓަވިއުއެއްގައި ވަނީ ޕީއެސްޖީ އާއެކު އެމްބާޕޭ އިތުރު އެއްބަސްވުމެއް ހަދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ބުނެފައެވެ.

ފްރާންސް އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތަށި އުފުލާލި އިރު އެ ޓީމުގައި އިސް ދައުރެއް ވެސް އަދާކޮށްފައިވާ 21 އަހަރުގެ އެމްބާޕޭއަކީ ދުނިޔޭގެ މިހާރުގެ އެންމެ އުންމީދީ އަދި އެންމެ ކާމިޔާބު އެއް ޒުވާން ކުޅުންތެރިއާއެވެ. އޭނާ 2018 ވަނަ އަހަރު ޕީއެސްޖީއަށް ސޮއެ ކުރީ 180 މިލިއަން ޔޫރޯގެ ޓްރާންސްފަ ފީއެއްގައި ފުޓުބޯޅައިގެ ތާރީހުގައިވެސް އެންމެ އަގުބޮޑު ޓީނޭޖަރުގެ ގޮތުގައެވެ.