ޔޫރަޕުގެ ފުޓުބޯޅައިގެ އެންމެ ޝަރަފްވެރި ކުލަބް ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގައި ފްރާންސްގެ ޕީއެސްޖީއާއި ސްޕެއިންގެ ބާސެލޯނާ ކުރިމަތިލާން ޖެހިއްޖެއެވެ.

ގްރޫޕް ސްޓޭޖުގައި އުނދަގޫ، އެހެނަސް ކާމިޔާބު މެޗުތަކެއް ކުޅުމަށްފަހު ދެވަނަބުރުގައި ވާދަކުރާނީ ކޮން ޓީމުތަކެއްކަން ގުރުލުމުގެ ހަފްލާއަށްފަހު ހާމަވެގެން ގޮސްފައިވާއިރު ދެވަނަ ބުރުގައި ވަރަށް ވާދަވެރި، ސަޕޯޓަރުން ބަލާހިތްވާނެ އަދި އެ މެޗުތަކަކަށް އިންތިޒާރުކުރާނެ މެޗުތަކެއް ހިމެނެއެވެ.

އެގޮތުން މިފަހަރުގެ ސީޒަނުގައި އެންމެ ފާހަގަކޮށްލެވެނީ ސްޕެއިންގެ ގަދަބާރު ބާސެލޯނާ އާއި ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކުރިމަތިލުމެވެ. ފުޓުބޯޅައިގެ އެތައް ތަރިންތަކެއް މި ދެ ޓީމުގައިވެސް ތިބިއިރު، އެންމެ ފާހަގަކޮށްލެވޭނީ މި ދެ ޓީމުގައި ތިބި ފުޓުބޯޅައިގެ ދެ ތަރިންނެވެ. އެއީ ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާއާއި ބާސާގެ ކެޕްޓަން ލިއޮނަލް މެސީއެވެ.

މީގެއިތުރުން ދެން އެންމެ ވާދަވެރި ކުރިމަތިލުމެއްގެ ގޮތުގައި ފެނިގެންދާނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޗެލްސީ އާއި ލަލީގާގެ ގަދަބާރު އެތްލެޓިކޯ މެޑްރިޑްގެ ކުރިމަތި ލުމެވެ. އަދި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސްއިން ޕޯޓޯ އާއި ކުރިމަތި ލާއިރު ބަޔާން ނުކުންނާނީ ލާޒިއޯ އާއި ދެކޮޅަށެވެ. މެންޗަސްޓަރ ސިޓީއިން ބޮރޫޝިއާ މޮންޗެންގްލަޑްބަކާއި ދެކޮޅަށެވެ. އަދި ވަރުގަދަ ރެއާލް މެޑްރިޑުން އެޓަލަންޓާއާއި ކުރިމަތިލާއިރު ސެވިއާ ނުކުންނާނީ ބޮރޫޝިއާ ޑޯޓްމަންޑް އާއި ދެކޮޅަށެވެ.

ރައުންޑް އޮފް 16 ގެ މެޗުތައް 2021 ވަނަ އަހަރުގެ ތެރޭގައި ކުޅޭއިރު ފުރަތަމަ ލެގު ފަށާނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އަދި މި ރައުންޑުގެ ދެވަނަ ލެގު ކުޅޭނީ މާރިޗު މަހުގެ ނުވަވަނަ ދުވަހުއެވެ.