ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށް ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ދަ ގްރާންޑޭ ގެ ފެށުން ރަނގަޅުކޮށްފިއެވެ.

ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ދަ ގްރާންޑޭ ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދަ ގްރާންޑޭގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ދަ ގްރާންޑޭއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވ. ދަ ގްރާންޑޭގެ ފޯވާޑް ޚައިދަރޯވް އޮޓަބެކަށް ޓީސީގެ ޑިފެންޑަރު ޔޮގެންދްރަން ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީ ޓީސީގެ ބިދޭސީ ގޯލްކީޕަރު މަމަދޯވް ވަނީ ފަސޭހަކަމާއި އެކު މަތަކޮށްފައެވެ.

މެޗުގައި ދަ ގްރާންޑޭގެ ފުރަތަމަ ލަނޑު ޚައިދަރޯވް ދިން ޕާހަކުން ކާމިޔާބުކޮށްފައިވަނީ ޔަސްފާދު ހަބީބު (މުލަކޭ) އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އުމަރުޔޯނޯފް އަކްރޯފް ދިން ޕާހަކުން މިޑްފީލްޑަރު އިބްރާހީމް ނޫރައްދީން ވަނީ ދަ ގްރާންޑޭއަށް ދެވަނަ ލަނޑު ޖަހައި، ލީޑު ފުޅާކޮށްފައެވެ.

ދަ ގްރާންޑޭ އަދި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ: އެފްއޭއެމް

މެޗުގައި ދަ ގްރާންޑޭއިން ޖެހި ތިންވަނަ ލަނޑު އެ ޓީމުން ކާމިޔާބުކުރި މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ދަ ގްރާންޑޭއަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޚައިދަރޯވްއެވެ. މިއީ އޭރިއާ ތެރެއިން ޚައިދަރޯވްއަށް ޓީސީގެ ގޯލްކީޕަރު މަމަދޯވް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ލީގުގައި ދެން ދަ ގްރާންޑޭއިން މެޗެއް ކުޅޭނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހުއެވެ.މި މެޗުގައި އެ ޓީމު ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއެވެ. މުބާރާތުގައި ސަސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ.