އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) ގެ މެރިޓް އެވޯޑް ހާއްސަކުރާނީ ދިވެހި ކުޅިވަރު އާއިލާއަށް ކަމަށް އެ އެވޯޑު ހާސިލުކުރި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) ވިދާޅުވެއްޖެ އެވެ.

މި އެވޯޑާ މަރުޒޫގް ހަވާލުވެވަޑައިގެންފައިވަނީ އޮމާނުގެ މަސްކަޓުގައި ކުރިއަށްދިޔަ 39 ވަނަ އޯސީއޭގެ ޖެނެރަލް އެސެމްބްލީގައެވެ.މި އެވޯޑް މަރޭއަށް އެރުވީ އޭޝިއާގެ ކުޅިވަރަށް މިދިޔަ 11 އަހަރު ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މަރޭއަށް މި އެވޯޑު ލިބުނީ އެ ކައުންސިލަށް ހުށައެޅި 11 ނަމުގެ ތެރެއިން ކޮމެޓީން އޭނާގެ ނަން ފާސްކުރުމުންނެވެ.

އޮމާނުގައި ހުރެ "ވަގުތު" ނޫހަށް މައުލޫމާތުދެއްވަމުން މަރޭ ވިދާޅުވީ މިއީ ދިވެހި އެތުލީޓުންނަށް ހާއްސަވާ އެވޯޑެއް ކަމަށާއި މި އެވޯޑުގެ ހައްގުވެރިންނަކީ ދިވެހި ކުޅިވަރު އާއިލާ ކަމަށެވެ.

"އެތުލީޓުންގެ ފަރާތުން އޭނާއަށް ބޮޑު އެއްބާރުލުމެއް ލިބުނު، އެކަމަށްޓަކައި ޝުކުރުދަންނަވަން، އަދި ވަކިން ހާއްސަކޮށް އާއިލާއިން އެ ދޭ އެއްބާރުލުންވެސް ފާހަގަކޮށް ޝުކުރުދަންނަވަން" ވަގުތު ނޫހާއި މައުލޫމާތު ހިއްސާކުރައްވަމުން މަރޭ ވިދާޅުވިއެވެ.

އެވޯޑު ދިނުމަށް ބޭއްވި ހަފުލާގެ ތެރެއިން

އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ 2009 ވަނަ އަހަރު ހަވާލުވުމަށްފަހު މަރޭ ވަނީ ދިވެހި އެތުލީޓުން ތަމްރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ވަކިން ހާއްސަކޮށް ވަސީލަތް ހުރި ބޭރުގެ ޤައުމުތަކުން ރާއްޖޭގެ އެތްލީޓުންނަށް ފުރުސަތު ހޯދައިދީ ، އެ އެތުލީޓުން ބިނާކުރުމަށް މަރޭ ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

ރާއްޖެއަށް 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދިން ހަސަން ސާއިދަކީ މަރޭ ތަނަވަސްކޮށްދިން ފުރުސަތަކުން ތަމްރީނުވި އެތްލީޓެކެވެ. ސާއިދަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އެއް އެތްލީޓެވެ. މި މަސައްކަތުގެ އިތުރުން ދިވެހި އެތްލީޓުންނަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް މަރޭ ވަނީ މަސައްކަތްކޮށްފައެވެ.

މިއީ މި އެވޯޑު ލިބުނު ރާއްޖޭގެ ދެވަނަ ފަރާތެވެ. މި އެވޯޑު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވީ އެމްއޯސީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލަށެވެ.