ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ އެވޯޑް އެތައް ފަހަރަކަށް ހޯދާ އެތައް ރެކޯޑަކާއި ކާމިޔާބީ ތަކެއް ހޯދާފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފަހަތައް ޖައްސާލާ ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ އެވޯޑް "ދަ ބެސްޓް ފީފާ މެންސް ޕްލެޔަރ އޮފް ދަ ޔާ ފޯ 2020" ބަޔާން އަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަރި ރޮބާޓް ލެވަންޑޮސްކީ ހޯދައިފިއެވެ.

ލެވަންޑޮސްކީ މިއެވޯޑު ހާސިލް ކުރި އިިރު އޭނާވަނީ ފާއިތުވީ 20-2019 ވަނަ އަހަރުގެ ސީޒަނުގައި ބަޔާން މިއުނިކަށް ކުޅެދިން 47 މެޗުން 55 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު ފާއިތުވި ސީޒަނުގައި ބަޔާން އިން ބުންޑަސްލީގާ އާއި ޗެމްޕިއަންސް ލީގު އަދި ޑީއެފްބީ ޕޯކާލް ކާމިޔާބުކުރިއިރު މިކާމިޔާބީތައް ހޯދުމުގައި އިސް ދައުރެއް އަދާ ކޮށްފައެވެ. އޭނާ ވަނީ މި ތިން މުބާރާތުގެވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށް މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދާފައެވެ.

ލެވަންޑޮސްކީ ޗެމްޕިއަންސް ލީގް ޓްރޮފީ އާއި އެކު

32 އަހަރުގެ ލެވަންޑޮސްކީ ދަނީ މިސީޒަނުގައިވެސް ބަޔާންގައި މޮޅު ކުޅުމެއް ދައްކާ މުހިންމު ލަނޑުތަކެއް އެޓީމަށް ކާމިޔާބު ކޮށްދެމުންނެވެ. އެގޮތުން ބުދަ ދުވަހު ބުންޑަސްލީގާ ގައި ވުލްސްބާގް އަތުން 0-2 އިން މޮޅުވި މެޗުގައި އެޓީމުގެ ދެލަނޑުވެސް ކާމިޔާބޮށްދީ އޭނަ ވަނީ ބުންޑަސްލީގާ ގައި އޭނާގެ 250 ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ފާއިތުވި ސީޒަނުގައި ނުދޭން ނިންމި ފުޓުބޯޅައިގެ ވަކި ކުޅުންތެރިއަކަށް ދޭ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ފްރާންސްގެ މަޖައްލާ އަކުން ދޭ ބެލަންޑޯ އެވޯޑްވެސް އެންމެ ހައްގު ފަރާތަކީ ލެވަންޑޮސްކީ ކަމަށް ފުޓު ބޯޅައިގެ މާހިރުން ދިޔައީ ބުނަމުންނެވެ. އަދި މިއެވޯޑް ފާއިތުވީ ސީޒަނުގައި ނުދޭން ނިންމުމުން ގިނަ ފަރާތްތަކުން ވަނީ މިއީ ލެވަންޑޮސްކީ އާއި މެދު ވެވުނު ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ބުނެ ނުރުހުން ވެސް ފާޅު ކޮށްފައެވެ.

އެވޯޑް ލިބުމަށްފަހު ވާހަކަ ދައްކަމުން ލެވަންޑޮސްކީ ބުނީ ރޮނާލްޑޯ އަދި މެސީ އާއިއެކު އެއް ޓައިޓަލް އެއް ހިއްސާ ކުރެވުމަކީ އެއީ ގަބޫލް ކުރަންދަތި އެހެންނަމަވެސް ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެއް ލިބޭ ކަމެއް ކަމަށެވެ. އަދި އެވޯޑް ލިބިމުން ފަހުރުވެރިވާ ކަމަށާއި މިއީ އޭނާގެ އިތުރުން އޭނާއާއި އެކުގައި ކުޅޭ ކުޅުންތެރިންނާއި ކުލަބައްވެސް އުފާވެރި ދުވަހެއްކަމަށާއި މިއެވޯޑަކީ މުޅި ޓީމަށް ލިބުނު އެވޯޯޑެއްގެ ގޮތުގައި ލެވަންޑޮސްކީ ވަނީ ސިފަކޮށްފައެވެ.

ދަ ބެސްޓް ފީފާ މެންސް ޕްލެޔަރ އޮފް ދަ ޔާ އެވޯޑް އެންމެ ފުރަތަމަ ހޯދި ރޮނާލްޑޯ އެވޯޑް އާއި އެކު

ދަބެސްޓް އެވޯޑަކީ ދުނިޔޭގެ ފުޓުބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން އެކުޅުންތެރިއަކު ކުޅޭ ކުލަބަކަށާއި ގައުމީ ޓީމަށް ހޯދައިދޭ ކާމިޔާބީ ތަކާއި އެޓީމުން ހޯދާ ކާމިޔާބީތަކުގައި އެކުޅުންތެރިއަކު އަދާ ކުރާ ދައުރުގެ މައްޗަށް ބިނާ ކޮށް ދެވޭ އެވޯޑެކެވެ. މި އެވޯޑް އެންމެ ފުރަތަމަ ހާސިލް ކޮށްފައިވަނީ 2016 ވަނަ އަހަރު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޖެހިގެން އައި އަހަރުވެސް ރޮނާލްޑޯ މިއެވޯޑް ހޯދިއިރު 2018 ވަނަ އަހަރު މި އެވޯޑް ހޯދީ ރެއާލް މެޑްރިޑް އަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ތަރި ލޫކާ މޮޑްރިޗް އެވެ. އަދި ޖެހިގެން އައި 2019 ވަނަ އަހަރު މިއެވޯޑް ހާސިލްކުރީ ލިއޮނެލް މެސީ އެވެ.

ދަ ބެސްޓް ފީފާ މެންސް ކޯޗް އޮފް ދަ ޔާ އެވޯޑް ހޯދި ކްލޮޕް މި ހަފްލާގައި ބައިވެރިވީ ވާޗުއަލް ކޮށް

މިހަފްލާގައި ޝަރަފުވެރި އިތުރު މަގާމުތަކެއް ހޮވާފައި ވާއިރު "ދަ ބެސްޓް ފީފާ ވިމެންސް ޕްލެޔަރ އޮފް ދަ އިޔާ އެވޯޑް" ހޯދާފައި ވަނީ އިނގިރޭސި ވިލާތުގެ ލޫސީ ބްރޮންޒް އެވެ. އަދި "ދަ ބެސްޓް ފީފާ މެންސް ކޯޗް އޮފް ދަ އިޔާ" ހޯދާފައިވަނީ ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް އެވެ. މިދިޔަ އަހަރުގައި ވެސް މިއެވޯޑް ލިބިފައި ވަނީ އޭނާ އަށެވެ.

ދަ ބެސްޓް ފީފާ ވިމެންސް ޕްލެޔާ އޮފް ދަ އިޔާ ހޯދި ލޫސީ ބްރޯންޒް

ދަ ބެސްޓް ފީފާ ވިމެންސް ކޯޗް އޮފް ދަ އިޔާ އެވޯޑް ހޯދާފައިވަނީ ސެރީނާ ވީގްމަން އެވެ. އޭނާ އަކީ ނެދަލޭންޑްސްގެ އަންހެން ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި މިވަގުތު ހުރި ފަރާތެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި އިނގިރޭސި ޓީމުގެ ކޯޗު ކަމާއި އޭނާ ހަވާލް ވާން އުޅޭ ކަމުގެ އަޑުތަކެއް ބޭރުގެ ކުޅިވަރު މީޑިއާ ތަކުގައި ވަނީ ފެތުރިފައެވެ.