ޖަރުމަނު ލީގުގައި ރޭ ރޮބާޓް ލެވަންޑޮސްކީ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ބަޔާން މިއުނިކުން ބަޔާ ލިވަކޫސަންގެ މައްޗަށް ކުރި ހޯދާ ލީގުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ލެވަކޫސަންގެ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މޮޅުވީ 1-2ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލެވަކޫސަން އެވެ. މި ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޕެޓްރިކް ޝިކް އެވެ.

މެޗުގައި މޮޅު ކުޅުމެއް ދެއްކި ލެވަކޫސަންއަށް ނަތީޖާ ހަމަހަމަ ކުރި ލަނޑު ލެވަންޑޮސްކީ ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މިއީ ތޯމަސް މުލާ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.

ހަމަހަމަ ނަތީޖާ އެއްގައި އޮވެ ގިނަ ވަގުތު ތަކެއް ވަންދެން ދެޓީމުން ކުޅެމުންދިޔައިރު ދެޓީމުގެ ފޯވަޑުންވެސް ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ.

އެހެންނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ލެވަންޑޮސްކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުން ބަޔާން މޮޅުކޮށްދީ ތާވަލުގެ އެއްވަނަ މަގާމަށް އެޓީމު ގެންގޮސްދީފައެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ބަޔާން އަށް ބުންޑެސްލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބެނީ ކުޅުނު 13 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ބަޔާ ލިވަކޫސަން އޮތީ ހަމަ މި އަދަދަށް މެޗު ކުޅެ ބަޔާންއަށްވުރެ ދެ ޕޮއިންޓް މަދުން ލިބިގެންނެވެ.

ފާއިތުވި ސީޒަނުގެ ފީފާ ދަ ބެސްޓް އެވޯޑް ހާސިލް ކުރި ރޮބާޓް ލެވަންޑޮސްކީ އެވޯޑާއި އެކު

ރޭގެ މެޗުން ލެވަންޑޮސްކީ ބަޔާން މޮޅު ކޮށްދިންއިރު އޭނާ ވަނީ ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ނިމިދިޔަ ހަފްތާގައި ހޯދާފައެވެ.

ފީފާ އިން ހޮވާ "ދަ ބެސްޓް ފީފާ މެންސް ޕްލެޔަރ އޮފް ދަ ޔަރ ފޯ 2020" ގެ މަގާމު ލެވަންޑޮސްކީ ހޯދީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާއާއި އެންމެ ވާދަވެރި ލިއޮނަލް މެސީ އާއި ވާދަކޮށް ކުރި ހޯދައިގެނެވެ.