މޮނާކޯ އަށް ކުޅެމުން އައި ބްރެޒިލްގެ އިތުބާރު މިޑްފީލްޑަރު ފަބީނިއޯ ލިވަޕޫލް އަށް ސޮއިކޮށްފިއެވެ.

އުމުރުން 24 އަހަރުގެ ފަބީނިއޯ ލިވަޕޫލް އަށް ބަދަލުވީ ގާތްގަނޑަކަށް 39 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ފަބީނިއޯ ލިވަޕޫލް އަށް ބަދަލުވިއިރު މިދިޔަ އަހަރު ވެސް މޮނާކޯ ދޫކޮށްލަން އޭނާ މަސައްކަތް ކުރިއެވެ. އޭރު ފަބީނިއޯ ހޯދުމަށް އެންމެ ބޮޑަށް ޝައުގުވެރިވެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑާއި އެތްލެޓިކޯ މެޑްރިޑުންނެވެ. ނަމަވެސް މޮނާކޯ އިން ވަނީ އޭރު ފަބީނިއޯ ވިއްކާލަން ދެކޮޅު ހަދާފައެވެ.

ލިވަޕޫލް އަށް ބަދަލުވުމަށްފަހު ފަބީނިއޯ ބުނީ ބޮޑު ކްލަބަކަށް ބަދަލުވުމަކީ އޭނާ އަބަދުވެސް ބޭނުންވެފައި ހުރި ކަމެއް ކަމަށާއި ލިވަޕޫލް އަށް ބަދަލުވެވުމުން އެކަމާ ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ.

"މިވަރުގެ ކްލަބަކުން އަހަރެން ހޯދަން އައުމުން މާބޮޑު ވިސްނުންތަކެއް ވިސްނާކަށް ވެސް ނުޖެހުނު. މި ކްލަބާ އެކު ތަށިތައް ކާމިޔާބުކޮށް އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތް ކުރާނަން" ފަބީނިއޯ ބުންޏެވެ.

2013 ވަނަ އަހަރު މޮނާކޯއާ ގުޅުނު ފަބީނިއޯ އަކީ ފާއިތުވި އަހަރުތަކުގައި އެޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މިޑްފީލްޑްގެ އިތުރުން ފަބީނިއޯ އަކީ ބައެއް ފަހަރު ރައިޓް ބެކަށް ވެސް ކުޅޭ ކުޅުންތެރިއެއްކަން ފާހަގަކޮށްލެވެއެވެ.

މޮނާކޯގައި ހޭދަކުރި ފަސް އަހަރުތެރޭ އޭނާ ވަނީ އެ ކްލަބަށް 255 މެޗު ކުޅެދީ 29 ގޯލު ކާމިޔާބުކޮށްދީފައެވެ. މީގެއިތުރުން ފަބީނިއޯ ވަނީ މޮނާކޯ އާއެކު ފްރެންޗް ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ފަބީނިއޯ ލިވަޕޫލް އަށް ބަދަލުވުމުން އެމްރޭ ޗާން އެ ކްލަބު ދޫކޮށްލާނެ ކަމަށް މިހާރު ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ. ލިވަޕޫލް ދޫކޮށްލުމަށްފަހު ޗާން ބަދަލުވުން އެންމެ ގާތީ ޔުވެންޓަސް އަށެވެ.

ފަބީނިއޯ އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ލިވަޕޫލް އަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ. މީގެއިތުރުން ލިޔޯން އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ނަބީލް ފެކީރް ގެންނަން ވެސް ލިވަޕޫލް އިން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.