ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ގްރީސްގެ ޑިފެންޑަރު ސޮކްރާޓިސް ޕަޕަސްތަތޮޕޮލަސް ގެނައުމުގެ މަސައްކަތް އާސެނަލް އިން ފަށައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

"ބީބީސީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 29 އަހަރުގެ ސޮކްރާޓިސް އާސެނަލް އަށް ބަދަލުވުމާ ވަރަށް ގާތަށް މިހާރު ވަނީ ޖެހިލާފައެވެ. އޭނާ ގެނައުމަށް އާސެނަލް އިން މަސައްކަތް ކުރަނީ 19 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށްވެސް "ބީބީސީ" އިން ރިޕޯޓުކޮށްފައިވެއެވެ.

ސޮކްރާޓިސް ގެނައުމަށް އާސެނަލް އިން މަސައްކަތް ފެށިއިރު އެ ކްލަބުގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ލޯރެންޓް ކޮޝިއެލްނީ އަށް ވަނީ އަނިޔާވެ ހަ މަސްދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ.

2013 ވަނަ އަހަރު ޑޯޓްމަންޑާއި ގުޅުނު ސޮކްރާޓިސް އަކީ ފާއިތުވި ސީޒަންތަކުގައި އެޓީމުގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެވެ. ސޮކްރާޓިސް ޑޯޓްމަންޑާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ.

ސޮކްރާޓިސް އާސެނަލް އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާއިރު އެ ކްލަބުން އަންނަނީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ސްވިޒަލޭންޑްގެ ތަޖުރިބާކާރު ފުލްބެކް ސްޓެފަން ލީޗެސްޓެއިނާ ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން އިތުރު މިޑްފީލްޑަރެއް ގެނައުމަށް ވެސް އާސެނަލް އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.