ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑް ބަލިކޮށް މެންޗަސްޓަރ ޔުނައިޓެޑުން ތާވަލުގައި ކުރިއެރުންތަކެއް ހޯދައިފިއެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މިމެޗުން އެޓީމު ފަސޭހަކަމާއި އެކު މޮޅުވީ 2-6 ގެ ބޮޑު ނަތީޖާއަކުންނެވެ.

މެޗުގައި ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުން ވަނީ ފުރަތަމަ ހާފުގައި ގިނަ އެޓޭކްތަކެއް ކޮށް ގިނަ ލަނޑުތަކެއް ޖަހާފައެވެ. އެގޮތުން މި ހާފުގެ ތިން މިނެޓުތެރޭ ޔުނައިޓެޑުގެ ސްކޮޓް މެކްޓޮމިނޭ ވަނީ ދެ ލަނޑެއް ކާމިޔާބުކޮށް މެޗުގައި ލީޑު ނަގާ އެލީޑު އެޓީމަށް ފުޅާކޮށްދީފައެވެ. އަދި ހަމަ މި ހާފުގެ 20 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑުގެ ތިންވަނަ ލަނޑު ޖެހިއިރު، މެޗުގެ 37 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ވިކްޓަ ލިންޑެލޯފެވެ.

އެހެންނަމަވެސް މިހާފު ނިމުމުގެ ކުރިން ލީޑްސް ވަނީ ފުރަތަމަ ފަހަރަށް މެޗުގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ލިއަމް ކޫޕާ އެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓާ މެޗު ޑޮމމިނޭޓް ކުރީ ޔުނައިޓެޑެވެ. ގިނަ ފުރުސަތު ތަކެއް ތަނަވަސްކޮށް ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ ޔުނައިޓެޑަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދިނީ މެޗުގެ 66 ވަނަ މިނެޓުގައި ޑެނިއެލް ޖޭމްސް އެވެ. އަދި އޭގެ 4 މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެރްނާންޑޭސް ވަނީ ޔުނައިޓެޑުން މެޗުގައި ޖެހި ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

މެޗުގައި ލީޑްސްއިން ޖެހި ދެވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޓުއާޓް ޑަލަސްއެވެ.

މީގެ އިތުރުން ރޭ ލީގުގައި ލެސްޓާ ސިޓީ ވަނީ ރަށުން ބޭރުގައި ލީގުގެ އެއްވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ 0-2 އިން ބަލިކޮށްފައެވެ.

ޓޮޓެންހަމާއި ލެސްޓަރ ބައްދަލު ކުރި މެޗުގެ ތެރެއިން

މި މެޗުގައި ލެސްޓާގެ ފުރަރަމަ ލަނޑު އޭރިއޭ ތެރެއިން ލެސްޓާގެ ވެސްލީ ފޮފާނާއަށް ޓޮޓެންހަމުގެ ސާޖް އޯރިއޭ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ޖެމީ ވާޑީއެވެ. އަދި އެޓީމުން ލީޑު ފުޅާ ކުރި ލަނޑަކީ މެޗުގެ 59 ވަނަ މިނެޓުގައި ޓޮޓެންހަމުގެ ޓޮބީ އަލްޑާވެއިލްޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ނަތީޖާތަކާއި އެކު ތާވަލުގެ ތިންވަނައަށް ޔުނައިޓެޑް ޖެހިލީ ކުޅުނު 13 މެޗުން ލިބުނު 26 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑް އަތުން ބަލިވި ލީޑްސް އޮތީ ތާވަލުގެ 14 ވަނައިގައި 14 މެޗުން 17 ޕޮއިންޓާއެކުއެވެ. ލެސްޓާ ދެވަނައަށް ޖެހިލީ ކުޅުނު 14 މެޗުން ލިބުނު 27 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް 14 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، މީގެކުރިން އެއްވަނައިގައި އޮތް ޓޮޓެންހަމް މިހާރު އޮތީ ތާވަލުގެ ފަސްވަނައިގައި 14 މެޗުން 25 ޕޮއިންޓާއެކުއެވެ.