މާކޯ އެސެންސިއޯގެ ދެ ގޯލާއެކު ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އާއި ދެކޮޅަށް ކުޅުނު މެޗު 3-5 އިން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ ހަތަރުވަނައިގައި ރެއާލް މިހާރު އޮތީ 45 ޕޮއިންޓާ އެކުއެވެ. ތިންވަނައިގައި 46 ޕޮއިންޓާ އެކު ވެލެންސިޔާ އޮތްއިރު ދެވަނައިގައި 55 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ. އަދި އެއްވަނައިގައި 62 ޕޮއިންޓާ އެކު އޮތީ ބާސެލޯނާއެވެ.

ފޯރިގަދަ ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު މެޗުގެ 11 ވަނަ މިނެޓްގައި އެސެންސިއޯ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ބެޓިސް އިން ކުޅުން ރަނގަޅު ކުރިއިރު މެޗުގެ 33 ވަނަ މިނެޓްގައި މަންޑީ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ބެޓިސް އިން ވަނީ މެޗުގެ ލީޑު ވެސް ނަގާފައެވެ. ބެޓިސްގެ ދެވަނަ ގޯލަކީ ރެއާލްގެ ޑިފެންޑަރު ނާޗޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ބެޓިސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ސާޖިއޯ ރާމޯސް ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ދެވަނަ ހާފްގައި ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 59 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެސެންސިއޯއެވެ. ރެއާލްގެ ހަތަރުވަނަ ގޯލު މެޗުގެ 65 ވަނަ މިނެޓްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން އިރު މެޗުގެ 85 ވަނަ މިނެޓްގައި ބެޓިސް އިން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ނަމަވެސް ރޮނާލްޑޯ ބޭލުމަށްފަހު މެޗުގެ ފަހުވަގުތުކޮޅުތެރޭ ކުޅެން އެރި ކަރީމް ބެންޒެމާ ވަނީ ރެއާލްގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ރެއާލް ރޭ މޮޅުވިއިރު ލީގުގެ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑު ވަނީ 0-2 އިން އެތްލެޓިކް ބިލްބާއޯގެ މައްޗަށް ކުރި ހޯދާފައެވެ.