ރާއްޖޭގައި ރާޅާއަޅާ ޒުވާނުން ދުވަހެއް ދުވަހަކަަށް ދަނީ އިތުރުވަމުންނެވެ. މާލޭގެ އިތުރުން އަތޮޅުތަކުންވެސް މި ކުޅިވަރަށް ލޯބިކުރާ ޒުވާނުންގެ އަދަދު ވަރަށް ގިނައެވެ. މީގެތެރެއިން ވެސް އެންމެ ޅަ އުމުރުން ފެށިގެން ސާފިންގެ ތެރޭގައި ހަރަކާތްތެރިވާ ޒުވާނުން ފެންނަނީ މަދެއްކޮށް ނޫނެވެ.

ދައްކަން މިއުޅެނީ ދާދިފަހުން އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ގެ ފަރާތުން ސްކޮލާޝިޕެއް ލިބުނު އުމުރުން 15 އަހަރުގެ މުހައްމަދު ޒަޔާން (ޗޮއްޕު) ގެ ވާހަކައެވެ. ރާޅާއެޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ޗޮއްޕު އަކީ މި ކުޅިވަރަށް ބޮޑު ލޯތްބެއް އޮންނަ ކުއްޖެކެވެ.

ޒުވާން ރާޅާއެޅުންތެރިންނަށް އަމާޒުކޮށްގެން އައިއެސްއޭއިން ކުރިއަށްގެންދާ "އައިއެސްއޭ ސްކޮލާޝިޕް ޕްރޮގްރާމް" ގެ ދަށުން ޗޮއްޕުއަށް މި ސްކޮލާޝިޕް ލިބުނުކަން ހާމަކޮށްފައި ވަނީ އައިއެސްއޭގެ ވެބްސައިޓް މެދުވެރިކޮށެވެ. ރާއްޖޭގެ ޗޮއްޕު އާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15 ގައުމެއްގެ 42 ރާޅާއެޅުންތެރިންނަށް މި ސްކޮލާޝިޕް ލިބިފައިވެއެވެ.

އަރަމުން އަންނަ ޒުވާން ރާޅާއެޅުންތެރިޔާ ޗޮއްޕު-- ފޮޓޯ: އެމްއެސްއޭ

"މިއީ ވަރަށް ބޮޑު ފުރުސަތެއް، މިހާތަނަށް ރާއްޖޭގެ ކުއްޖަކަށް ލިބިފައި ނެތް މި ސްކޮލާޝިޕެއް، ރާޅާއަޅައިން މިކަހަލަ ސްކޮލާޝިޕެއް ލިބުނީމަ ވަރަށް އުފާވި، މި ސްކޮލާޝިޕުގެ ފަންޑިން ބައިން ލިބޭ އެއްޗަކުން ބޭނުމީ ސާފް ބޯޑާއި އެ ސާމާނު ހޯދަން،" ވަގުތު ނޫހާއި ވާހަކަދައްކަމުން އުއްމީދީ ރާޅާއެޅުންތެރިޔާ ޗޮއްޕު ބުންޏެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި 18 އަހަރުންދަށުގެ ރާޅާއެޅުންތެރިންގެ ތެރެއިން ކުރިއަރާނެ ފުރުސަތު ނުލިބިފައި ތިބި ރާޅާއެޅުންތެރިންނަށް އަމާޒުކޮށް އައިއެސްއޭ އިން ފެށި މަސައްކަތެކެވެ. މި ސްކޮލާޝިޕަށް ހޮވޭ ބައިވެރިންގެ މެދުގައި 20،000 ޑޮލަރު ބަހާނެއެވެ. މި ފައިސާއަކީ ސްކޮލާޝިޕް ބައިވެރިންނަށް ރާޅާއެޅުމުގެ ވަސީލަތްތައް އިތުރުކުރުމާއި ތައުލީމާއި ގުޅުންހުރި ކަންކަމަށް ހާއްސަކޮށް ދޭން ނިންމާފައިވާ ފައިސާއެކެވެ.

"ހިއެއްވެސް ނުކުރަން މި ފުރުސަތު ލިބިދާނެކަމަށް، ފުރަތަމަ ރައްޓެއްްސެއް ބުނީމަ އެޔަށް އެޕްލައިކުރީ، މީހަކު ދެން ފޮނުވީމަ އެނގުނީ މި ސްކޮލާޝިޕް ލިބުނުކަން، ވަރަށް އުފާވި މި ލިބުނީމަ" ވަގުތު އާއި ވާހަކަދައްކަމުން ޗޮއްޕު ބުންޏެވެ.

މި ފުރުސަތާއެކު ޗޮއްޕުއަށް ބޮޑު ހިތްވަރެއް ލިބިގެންދިޔައެވެ. އަދި މުސްތަގްބަލުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ ރާޅާއަޅާ މުބާރާތްތަކުގައި ބައިވެރިވެ ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދިނުމަކީ މި ދާއިރާއިން ޗޮއްޕު ދެކެން ބޭނުންވާ އެންމެ ބޮޑު ދުވަހެވެ.