ސްޕެނިޝް ލީގުގައި ރޭ ގްރަނާޑާ އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ޕޮއިންޓުގެ ގޮތުން ރެއާލް މެޑްރިޑް ހަމަހަމަކޮށްފި އެވެ.

ރެެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރެއާލްގެ ދެ ލަނޑުވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ.

ދެވަނަހާފުގައި ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 57 ވަނަ މިނެޓުގައެވެ. މި ލަނޑު މާކޯ އަސެންސިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަސެމިރޯ އެވެ. މިއީ މި ސީޒަނުގައި ކަސެމީރޯ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.

މެޗުގައި ރެއާލްގެ ދެވަނަ ލަނޑު މެޗު ނިމެން ދަނިކޮށް ކާމިޔާބުކޮށްފައިވަނީ ކަރިމް ބެންޒެމާ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އިސްކޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި ނަތީޖާއާއެކު ރެއާލުން ވަނީ އެތުލެޓިކޯ މެޑްރިޑާއި ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. މި ދެ ޓީމު ޕޮއިންޓުގެ ގޮތުން ހަމަހަމަވިއިރު، އެތްލެޓިކޯ މި މަޤާމުގައި އޮތީ މެޑްރިޑަށް ވުރެ ދެމެޗު މަދުން ކުޅެގެންނެވެ. މި ދެ ޓީމަށްވެސް ލިބިފައިވަނީ 32 ޕޮއިންޓެވެ.

ތާވަލުގެ ތިންވަނަގައިގައި 26 ޕޮއިންޓާއެކު އޮތީ ރެއާލް ސޮސެއިޑާޑް އެވެ. އެ ޓީމު ތިންވަނައިގައި އޮތީ އެތުލެޓިކޯއަށް ވުރެ ތިން މެޗު އިތުރަށް ކުޅެގެންނެވެ.