އިނގިރޭސި ލީގު ކަޕުގައި ރޭ ސްޓޯކް ސިޓީ ބަލިކޮށް މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ޓޮޓެންހަމް ހޯދި މެޗުގައި ސްޓޯކް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑުގައި ޓޮޓެންހަމްގެ ޑެލެ އަލީގެ ހިއްސާ އޮތްކަމަށް ބުނެ އެޓީމުގެ ކޯޗް ހޯސޭ މޮރީނިއޯ ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން މޮރީނިއޯ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި، އަލީގެ މަގާމަށް ކުޅޭ ކޮންމެ ކުޅުންތެރިއަކުވެސް ވާން ވާނީ ވަރަށް ޒިންމާދާރު ކުޅުންތެރިއެއް ކަމަށެވެ. އަދި އެ ކުޅުންތެރިއަކު އިދިކޮޅު ޓީމަށް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމުގެ ބަދަލުގައި އަމިއްލަ ޓީމަށް ފުރުސަތުތައް ތަނަވަސްކޮށްދޭން ޖެހޭކަމަށްވެސް މޮރީނިއޯ ވަނީ ބުނެފައެވެ.

އަލީ އާއި މެދު މޮރީނިއޯ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު ފަހަކަށް އައިސް ޓޮޓެންހަމްގައި އޭނާއަށް ލިބޭ ފުރުސަތުތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެހެންނަމަވެސް ޓީމުން އަލުން ޖާގައެއް ހޯދުމަށް ލިބުނު ފުރުސަތުގައި ހެދުނު މި ގޯހުގެ ސަބަބުން 24 އަހަރުގެ މި އުންމީދީ ކުޅުންތެރިޔާއަށް ޓީމުގައި ކުރިއަށް ފުރުސަތުތައް އޮތް ގޮތާއި މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ސްޓޯކް ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުން ޓޮޓެންހަމް މޮޅުވީ 1-3 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮޓެންހަމް އެވެ. ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ލަނޑު ކާމިޔާބު ކޮށްދިނީ މިސީޒަނުގައި އެޓީމާއި އަލުން ގުޅުނު ގެރެތް ބޭލްސް އެވެ. މިއީ ހެރީ ވިންކްސް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ސްޓޯކް ސިޓީއާއި ޓޮޓެންހަމް ބަައްދަލުކުރި މެޗުގެ ތެރެއިން

ސްޓޯކްގެ ހަމައެކަނި ލަނޑަކީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ރަނގަޅު ހަމަލާތަކެއްވެސް އުފެއްދި އަލީގެ ސަބަބުން އެޓީމަށް ކާމިޔާބުކުރެވުނު ލަނޑެކެވެ. ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ޑެލެ އަލީ ބޯޅަ ހިފައިގެން ދާން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޑަން ތޮމްޕްސަން އެވެ.

އެހެންނަމަވެސް އޭގެ 15 މިނެޓު ފަހުން ބެން ޑޭވިސް އިތުރު ލަނޑެއް ކާމިޔާބުކޮށް ޓޮޓެމްހަމް އަށް އަލުން ލީޑު ނަގައިދިން އިރު އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ.

ސްޓޯކް ބަލިކޮށް ޓޮޓެންހަމުން ލީގު ކަޕުގެ ސެމީން ޖާގަ ހޯދިއިރު، ސެމީގައި ޓޮޓެންހަމް ބައްދަލުކުރަން ޖެހޭނީ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ބްރެންޓްފޯޑާއެވެ. ބްރެންޓްފޯޑް ސެމީއަށް ދަތުރުކޮށްފައިވަނީ ކުއާޓާގައި ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެގެންނެވެ.

މީގެ އިތުރުން ރޭ މުބާރާތުގެ ކުއާޓަރ ފައިނަލުގައި އެވަޓަން ބަލިކޮށް މެންޗަސްޓަރ ޔުނައިޓެޑުންވެސް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާ އަކުންނެވެ.

އެވަޓަން އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުނައިޓެޑްގެ ދެލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން ދަނިކޮށެވެ. އެޓިމުގެ ފުރަތަމަ ލަނޑަކީ އެންތަނީ މާޝިއަލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެޑިންސަން ކަވާނީ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުގެ ދެވަނަ ލަނޑަކީ މާކަސް ރަޝްފޯޑުގެ އެހީއާއެކު މާޝަލް ކާމިޔާބުކޮށްދިން ލަނޑެކެވެ.

އެވަޓަން ބަލިކޮށް ޔުނައިޓެޑުން ލީގު ކަޕުގެ ސެމީން ޖާގަ ހޯދިއިރު، ސެމީގައި ޔުނައިޓެޑް ބައްދަލުކުރަން ޖެހޭނީ ވާދަވެރި މެންޗެސްޓަރ ސިޓީއާއެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ ސިޓީ ސެމީއަށް ދަތުރުކޮށްފައިވަނީ ކުއާޓާގައި އާސެނަލް އަތުން 2-4 އިން މޮޅުވެގެންނެވެ.