ފީފާ ކްލަބް ވޯލްޑް ކަޕްގެ މެޗް ޝެޑިއުލް އާއި މެޗުތައް ކުޅެވިގެންދާނެ ދަނޑުތައް އިއުލާންކޮށްފިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ކުލަބުތަކަށް ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް ފީފާ ކްލަބް ވޯލްޑް ކަޕުގެ މިއަހަރުގެ މުބާރާތް ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފަސްކުރެވިފައިވާ އިރު ދެން މި މުބާރާތް ފަށާނީ މިފެށޭ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ކުރިން މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮތީ މިއަހަރުއެވެ.

ފެބްރުއަރީ 1-11 ގެ ނިޔަލަށް މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތް ބޭއްވުމަށް ތަރައްޤީކުރި ގަތަރުގެ ސްޓޭޑިއަމްތަކުގައެވެ.

ބައިނަލްއަގްވާމީ ޝަރަފުވެރި މި މުބާރާތުގައި 6 ބައްރެއްގެ ކޮންފެޑެރޭޝަން ތަކުގެ ޓީމުތަކުން ބައިވެރިވާއިރު މުބާރާތް ބޭއްވޭ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ ލީގް ޗެމްޕިއަން ޓީމަށް މި މުބާރާތުން ފުރުސަތު ލިބޭނެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި މުބާރާތް ބޭއްވޭ ގަތަރުގެ ލީގް ޗެމްޕިއަން އަލް ދުހައިލް އަށް ވަނީ ފުރުސަތު ލިބިފައެވެ.

މުބާރާތުގެ ފުރަތަމަ މެޗު އަހުމަދު ބިން އަލީ ސްޓޭޑިއަމުގައި ކުޅެވޭ އިރު މި މެޗުގައި ބައްދަލުކުރާނީ އަލް ދުހައިލް އާއި ނިއުޒިލެންޑުގެ އޯކްލެންޑް ސިޓީއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ފެބްރުއަރީ 11 ވަނަ ދުވަހު އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައެވެ. މީގެއިތުރުން ދެން މުބާރާތުގެ މެޗުތައް ކުޅޭ އަނެއް ސްޓޭޑިއަމް އަކީ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް އެވެ.

މުބާރާތުގެ ފުރަތަމަ މެޗު ކުޅެވިގެންދާ އަހްމަދު ބިން އަލީ ނުވަތަ އަލް ރައްޔާން ސްޓޭޑިއަމް

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިނގިރޭސިވިލާތުގެ ގަދަބާރު ލިވަޕޫލް އެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑް އެވެ.