ލ.ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފް.އެމް.އެސް.ސީ) އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2021 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ލާމުއަތޮޅަށް ހުޅުވާލައިގެން ބާއްވާ ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ 14 އާއި ހަމައަށެވެ.

ޖުމްލަ 16 ޓީމަކަށް މިދިޔަ އަހަރު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނެވެ. މިދިޔަ އަހަރުގެ މުބާރާތެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށްވެސް ބައިލައްކަ ރުފިޔާ (50،000) ރުފިޔާ ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގައި ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ މުބާރާތަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ތައްޓެއް ކަމަށް ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުން މައުލޫމާތުދެއެވެ.

މިދިޔަ އަހަރު ލާމުގައި ބޭއްވި މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިން ވަނީ ކުޅެފައެވެ. އޭގެތެރޭގައި ރާއްޖޭގައި މިހާރު އެންމެ ވިދަމުން އަންނަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ޗެމްޕިއަންކަން އެންމެފަހުން ބޭއްވި ދެ ފަހަރުވެސް ހޯދާފައިވަނީ ލެކްރޮސް އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އައުޓްރީފް ސްޕޯޓްސް ކުލަބު 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މުބާރާތުގެ ރަނަރަޕް ޓީމަށް 15،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ފެއަރ ޕްލޭ ޓީމް ހޮވުމަށްވެސް ވަނީ ނިންމާފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ އުންމީދީ ކުޅުންތެރިޔާވެސް ހޮވުމަށްވަނީ ނިންމާފައެވެ.

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ފޮނަދޫ މެދުއަވަށު ފުޓްސަލް ދަނޑުގައެވެ.