މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ލިބުނު ޕޮއިންޓް ސިފަކުރާނީ ލިބުނު މޮޅެއްގެ ގޮތުގައި ކަމަށް ކުލަބް ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.

އާތީ މިހެން ބުނީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއާއި ކުލަބް ވެލެންސިއާ ބައްދަލުކުރި މެޗަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުންނެވެ. މި މެޗު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެެއް ނުޖެހިއެވެ.

މާޒިޔާއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ: އެފްއޭއެމް

މެޗަށްފަހު ވާހަކަދައްކަމުން ކުލަބް ވެލެންސިއާގެ ކޯޗު އާތީ ބުނީ މިއީ މާޒިޔާ ކައިރިން ލިބުނު މޮޅެއްގެ ގޮތުގައި ދެކެވިދާނެ ކަމަށާއި ކުރިން ވެސް ބެލެވުނު ގޮތަށް މިއީ ވަރަށް ޗެލެންޖިން މެޗެއް ކަމަށެވެ. އަދި ވެލެންސިއާ އިން މިއަށްވުރެ ރަނގަޅު ކުޅުމެއް ކުޅެންޖެހޭ ކަމަށެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ކުލަބް ވެލެންސިއާއިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ހާއްސަކޮށް ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ވެލެންސިއާ އިން ނެރުނު ނަތީޖާތައް ފާހަގަކޮށްލެވެއެވެ. އާތީ ބުނީ މާޒިޔާ މެޗުގައި ދެއްކި ކުޅުމައެކު ވެލެންސިއާ އެންމެ ބޭނުންވާ ލެވެލްގައި ކުޅޭނެކަމުގެ އުއްމީދުތަކެއް އާވެފައިވާ ކަމަށެވެ.

މި ނަތީޖާއާއެކު މާޒިޔާ އަދި ވެލެންސިއާ ވެސް އޮތީ ހަތް ޕޮއިންޓާއެކު އެވެ. ނަމަވެސް ފައިދާ ލަނޑުގެ ތަފާތުން ކުރި ލިބެނީ މާޒިޔާއަށެވެ. މިއީ ލީގުގައި މިއަހަރު ކުޅުނު އެންމެ ފަހު މެޗެވެ. ދެން ލީގުގެ މެޗުތައް ކުޅޭނީ އަންނަ އަހަރެވެ. އެންމެ އަވަހަށް މެޗުތައް ދެން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    އިންޝް ﷲ ތިގޮތުގައި ހިފައްޓާލެވޭތޯ ބަލާ.އަބަދުވެސް ވެލެންސިޔާ އަށް ކާމިޔާބު ލިބުމަށް އެދެން.އިންޝާ ﷲ ކާމިޔާބު ވާނެ.

    4
    3