ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަކަށް ފުރަތަމަ ފަހަރަށް ރަން ވަނައެއް ހޯދައިދިން ތާރީޚީ ގޯލްޑް ކެޕްޓަން އަދިވެސް ފުޓުބޯޅައާ އޭނާގެ ހިތް ދުރުނުވާ ކަން ޚާއްސަ ބަސްދީގަތުމަކަށް އޭނާއާ ބައްދަލު ކުރަން އޭނާ ހުރި ގެސްޓް ހައުސްއަށް ދިއުމާއެކު ފެނުނެވެ. އެ ކާމިޔާބީއަށް ފަހު 13 އަހަރު ހިނގައި ދިޔައީއެވެ. މިއަދު ފުޓުބޯޅައިން ރިޓަޔާވިތާ ވެސް ގާތްގަނޑަކަށް ހަ އަހަރުވެފައިވާއިރު އޭނާ އިނީ ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ބަލާށެވެ. ގްރީން ސްޓްރީޓްސްއާއި ޔުނައިޓެޑް ވިކްޓަރީ ކުޅެމުން ދިޔަ މެޗު އެފްއޭއެމް ފޭސްބުކް ލައިވް ކުރަމުން ދިޔައިރު އެ ދެ ޓީމުގެ ކަންކަން ވެސް އެނގޭ ކަން ހާމަވިއެވެ.

އައްސަދު އަބްދުލް ޣަނީގެ ކައްޕިތާނު ކަމުގައި 2008 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމަށް ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރު އަޅުގަނޑުގެ އުމުރުން އެންމެ 16 އަހަރެވެ. ހަޔާތުގެ ކޮންމެވެސް ދުވަހަކުން އައްސަދާ ބައްދަލުކޮށް އަހަން ބޭނުންވި ސުވާލުތަކެއް އޭރު ވެސް ހުއްޓެވެ. ފުރަތަމަ ފަހަރަށް 2015 ވަނަ އަހަރު ބައްދަލުވިއެވެ. ކަން ދިމާކުރި ގޮތުން އޭރު އަހަން ބޭނުންވި ސުވާލުތަކެއް ނޭހުނެވެ. އެއީ ދިމާވި އެކި ސަބަބުތަކާއި ހެދިއެވެ. އޭގެ އަހަރުތަކެއް ފަހުން އަދި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާތާ އަށް އަހަރުވުމަށް ފަހު އައްސަދާއި އަނެއްކާވެސް ބައްދަލުކުރުމުގެ ފުރުސަތު ލިބުނީއެވެ. އެއީ އައްޑޫގައި ނިމިގެން ދިޔަ "ވަގުތު ފުޓުސަލް ޗެލެންޖް" ގެ ފައިނަލްގެ މެޗުގެ ޝަރަފުވެރި މެހެމާނަކަށް އޭނާ ހަމަޖެހުމާއެކުއެވެ.

އައްސަދާއި އިންޓަރވިއު ކުރުމުގެ ފުރުސަތު ލިބުނީ އެ މުބާރާތުގެ ފައިނަލް މެޗު އޮތް ރޭ ނޫން އަނެއް ދުވަހުގެ އިރުއޮއްސެން ގާތްވެފައިވަނިކޮށެވެ. ކަން ދިމާކުރިގޮތުން އައްސަދާއި ބައްދަލުވެވޭ ގޮތްވީ އޭނާ އެނބުރި މާލެއަށް ފުރަން ޗެކިން ފެށުމުގެ އެއް ގަޑިއިރު ކުރިންނެވެ. ދިވެހި ޕްރިމިއާ ލީގުގެ މެޗު ބަލަމުން އޭރު އޭނާ ދިޔައިރު އޭނާގެ ޑިސިޕްލިން އެކަމުންވެސް ފާހަގަވިއެވެ. އެއީ އަބަދުވެސް އައްސަދާ ގުޅޭ ގޮތުން ކުޅުންތެރިންނާއި ކޯޗުންގެ ފަރާތުން ފާހަގަކުރާ ކަމެކެވެ. ސަރަހައްދީ ލެވެލްގައި އެ ތަށި ހޯދި ޓީމުގެ ކެމްޕޓަންގެ މަގާމު ފުރީ އެ އަހުލާގާއި ނަމޫނާ ދައްކާފައެވެ. މިއަދު ވެސް އައްސަދު އަރާ ކޮންމެ ޕްލެޓްފޯމެއްގައި ވެސް ދައްކަނީ އެ ވާހަކައެވެ.

ރާއްޖެއިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމު-- ފޮޓޯ: މޯލްޑިވްސް ސޮކާ

އެހެންކަމުން އެންމެ ފުރަތަމަ ވެސް ކޮށްލި ސުވާލަކީ މިހާރު ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތާމެދު އައްސަދު ދެކޭ ގޮތެވެ. އެ ހާލަތު ކިޔައިދިނުމުގެ ގޮތުން އައްސަދު ވަނީ މާޒީގެ ހޯދުނު ކާމިޔާބީގެ އުސްއަލިތަކަށް ވެސް ގޮސްފައެވެ. އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި މި ކާމިޔާބީގެ ވާހަކަ މި ޖީލުގެ ފުޓުބޯޅަ އާއިލާއިން އަދިވެސް ދައްކައެވެ. އެއީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ފަހުގެ ތާރީޚެއްގައި ހުރިހާ ދިވެހިން އެކަތިގަނޑަކަށް ހެދި ފަހަރެވެ. ސަރަހައްދީ ފުޓުބޯޅައިގެ ގަދަބާރު އިންޑިއާއާ ދެކޮޅަށް ސްރީލަންކާގެ ސުގަތަދާތަ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މުހުތާރު ނަސީރު (ޓޫކިލޯ) ވައްދާލި ގޯލަކީ ކޮންމެ ދިވެހި ރައްޔިތެއް ވެސް ހީބިހި ނަގައިގެން ދިޔަ ގޯލެކެވެ. އެ ގޯލުގެ ވާހަކަ ކުޅިވަރުގެ ގިނަ ޕްލެޓްފޯމްތަކުގައި އަދިވެސް ދައްކައެވެ. އެ ފައިނަލް މެޗު ރެފްރީ ނިންމާލި ކަށިގަނޑުގެ އަޑާއެކު ދެން ކަންކަން ވެގެންދިޔަ ގޮތް ގިނަ ދިވެހިން އަދިވެސް ހަނދާން ހުންނާނެ ކަން ޔަގީނެވެ. އެއިން ކޮންމެ ސުކުންތެއް ތަފްސީލްކޮށް އައްސަދުގެ ހަނދާނުގައިވެއެވެ.

ފުޓްސަލްގެ ސަބަބުން ފުޓުބޯޅައަށް ހީނަރުކަމެއް، ފުޓުބޯޅަ ކުލަބުތައް ކޮޅަށް ޖެހުމަށް ގޮންޖެހުންތަކެއް

ތާރީޚީ އެ ކާމިޔާބަށް 12 އަހަރު ފުރިއްޖެއެވެ. އެ ކާމިޔާބީގެ ވާހަކަތައް ހަރުއަޑުން އަދިވެސް ދައްކައެވެ. ނަމަވެެސް އެ ކާމިޔާބީއަށްފަހު މި ވޭތުވެދިޔަ ދުވަސްތަކާއި އެކު ރަންވަނަ ހޯދި ކެޕްޓަންގެ ގިނަ ކަންބޮޑުވުންތަަކެއް އެބަހުއްޓެވެ. އެންމެ ބޮޑު ހީނަރުކަމެއްގެ ގޮތުގައި އައްސަދު ފާހަގަކުރީ ކުޅިވަރުގެ ރިވެތި އަޚްލާގު ދަށްވިކަމުގެ ވާހަކައެވެ.

"މުޖުތަމައުގައި އިހްތިރާމްކުރުމާއި އިހްތިރާމު ލިބިގަތުމަށް ވަރަށް ބޮޑަށް ހީނަރުވެއްޖެ، އޭގެ ނޭދެވޭ އަސަރު ކުޅިވަރަށްވެސް ކޮށްފި، ކުޅިވަރުގެ ހަގީގީ ޑިސިޕްލިން ވަރަށް ބޮޑަށް ދަށްވެއްޖެ" އައްސަދު ބުންޏެވެ.

ފުޓުބޯޅައަށް އޮތް ފޯރިއާއި އެއްވަރަށް ފުޓްސަލްގެ ފޯރިވެސް ރާއްޖޭގައި މިހާރު ވަރަށް ގަދައެވެ. ފުޓްސަލްގެ ދަނޑުތަކުގައި ފުޓުބޯޅަ ތަރިން ގިނައިން ހިމެނޭއިރު، މި ކުޅިވަރުން ލިބޭ އާމްދަނީވެސް ރަނގަޅެވެ. އެހެން ނަމަވެސް މިއީ ފުޓުބޯޅައިގެ ކުރިމަގަށް އެޅިގެންދާ ބޮޑު ހިޔަންޏެކެވެ. ފުޓްސަލްގެ ސަބަބުން ފުޓުބޯޅައަށް ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކަ "ވަގުތު" އާއި ހިއްސާކުރަމުން އައްސަދު ބުނީ މި ވޭތުވެދިޔަ އަހަރުތަކުގައި ފުޓުބޯޅައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

"ފުޓްސަލް އާއި ފުޓުބޯޅައިގަވެސް މި ތިބެނީ ގިނަފަހަރަށް އެއް ބައެއް، މިހާރު މި އޮތް ހާލަތުން 2008 ގެ އެ ދުވަސްތައް އަނބުރާ ގެންނަން އުނދަގޫވާނެ، އެބަޖެހޭ ޕްލޭނަކާއެކު އެންމެން ގުޅިގެން މިކަމަށް މަސައްކަތްތަކެއް ކުރަން، ފުޓުބޯޅަ ވަޅުޖެހިޔަ ނުދީ ހިފަހައްޓަން ކަމާބެހޭ އިދާރާތަކުން ތެދުވަންޖެހޭ" އައްސަދު ބުންޏެވެ.

އައްސަދު ތަށްޓާއެކު ހުޅުލެއަށް ފައިބަނީ ---

އައްސަދު ބުނީ ރާއްޖެއަށް އައި މި ބަދަލުތަކާއި އެކު ފުޓުބޯޅައަށް ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އެގޮތުން އެސެޓެއް އޮތް ކުލަބުތައް މަދުވުމާއި، ބެކަޕެއް ނެތް ކުލަބުތައް ތިބުމަކީ އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އައްސަދު ފާހަގަކުރިއެވެ.

"އަތޮޅުތެރޭގައި ވެސް މާލޭގަވެސް ހީނަރުވަމުން ދާނީ ބެކަޕެއް ކުލަބުތަކަށް ނެތިއްޔާ، ފުޓްސަލް އެއީ ވަރަށް ފަސޭހައިން ކުޅެވޭ ކުޅިވަރެއް، ޖާރޒީކޮޅެއް ހަދާލައިގެން ހަ ވަރަކަށް މީހުން ލައިގެން އެކަން އެބަވޭ ހަރަދުގެ ގޮތުން، ބޮޑު ފުޓުބޯޅަ އެގޮތަށް މެނޭޖުކުރަން އުނދަގޫވޭ، ފައިސާ ހަރަދުކުރަން ތިބި ބަޔަކު ލައިގެން މިކަން ވާނީ ، މި ދަނޑިވަޅުގައި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑުތަކެއް ޑިވެލޮޕްކުރުމަކީވެސް މި ކުޅިވަރު ކުރިއެރުވުމަށް ލިބުނު ބާރެއް، އެބަޖެހޭ ފުޓުބޯޅައަށް ވެސް އިންވެސްޓްމަންޓުތައް ގިނަކުރަން" އައްސަދު ވިދާޅުވިއެވެ.

އައްސަދު ބުނީ ސަރުކާރުން ހަރަތުތަކެއް ކޮށްގެން ކުލަބުތަށް ކޮޅަށް ޖެހޭނެ ނިޒާމެއް ޤާާއިމުކޮށްގެން ނޫނީ ރާއްޖޭގެ ފުޓުބޯޅަ އެހެން ލެވެލްއަކަށް ނުގެންދެވޭނެ ކަމަށެވެ.

މި ޖީލަށް އައްސަދުގެ މެސެޖު: ކާމިޔާބީގެ ތަޅުދަނޑިއަކީ ރިވެތި އަހްލާގު

ރާއްޖެއިން ހޯދި އެ ތައްޓާއި އެކު ގިނަ ދިވެހިންގެ އުއްމީދުތައް މަތިވިއެވެ. އިތުރު ކާމިޔާބީތަކެއް ހޯދުމަށް މަޖުބޫރުވިއެވެ. ސަރުކާރާއި ކަމާބެހޭ އިދާރާތަކުން އިތުރު ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތްކުރި އެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އިތުރު މަސައްކަތްތަކެއް ކުރަން ފެށިއެވެ.

2008 ވަނަ އަހަރުގެ އެ ތަށި ހޯދީ ގިނަބައެއްގެ ބުރަ މަސައްކަތުންނެވެ. ކުޅިވަރުގެ ރިވެތި އަހުލާގާއި އުސޫލުތައް ދަމަހައްޓައިގެންނެވެ. އައްސަދު ވަނީ އޭރު އެ ކާމިޔާބީ ހޯދަން ކުރި ބުރަ، އުނދަގޫ ދަތުރުގެ ވާހަކަ ހިއްސާކޮށްފައެވެ.

"ފުރަތަމަ ނިކުތްއިރު ގައުމަށް އައި އޮތް ހަލަބޮލިކަމުގެ ތެރޭގައި ހުރިހާ އެއްޗެއް އޮތީ ރޫޅި ހަލާކުވެފައި، ޓީމުވެސް ރޫޅި ހަލާކުވެފައި، ކުޅުންތެރިން އެންްމެފަހު ވަގުތު ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއިން މި ތަށި ހިފައިން އައުމުގެ ފުރުސަތު ލިބުނީ، މިއީ އެއްވެސް ހާލެއްގައި ފަސޭހައިން ހޯދި ތައްޓެއް ނޫން" އައްސަދު ފާހަގަކުރިއެވެ.

އެ ކާމިޔާބީއަށްފަހު އައްސަދުގެ ދެން ފާހަގަކުރީ އެ ތަށީ ހޯދިއިރު ޓީމުތެރޭގެ އަހުލާގު އޭރު ހުރި ގޮތާއި ހިލާފަށް މިހާރު ތިބި މަދު ކުޅުންތެރިންގެ ކިބައިން އެ ރިވެތި އަހުލާގު ނުފެންނަކަމެވެ. ނުވަތަ އެ އަހުލާގު މިހާރުގެ ބައެއް ކުޅުންތެރިންނާއި ޓީމުތަކުން ނުހިފަހަައްޓާކަމެވެ.

"އަޅުގަނޑު ހުންނާނެ މެޗުގެ ވަކި ހިސާބަކުން ދަނޑު ދޫކޮށް ގޮސްފަ، އެއީ ނުއިނދެވިގެން، ޒުވާން ކުޅުންތެރިން އެ ކިޔާ ހަޑިހުތުރު އެއްޗެއްސާއި ގުޅިގެން، އެ ދުވަސްތަކުގައި ދެރަވެސްވި، އެ ދުވަހު ފެނުނު މަންޒަރުން ހިތަށްއެރި މި ހުރިހާ ކަމެއް ދިޔައިއްޔޭ، މިކަން މިގޮތަށް ދޫކޮށްލާނީތޯ؟ ނޫނީ މިކަމުން ސަލާމަތްވާން މުޖުތަމައުއެއް ބިނާކުރަން މަސައްކަތްކުރާނީތޯ؟" ސަރުކާރާއި އެފްއޭއެމަށް އަމާޒުކޮށް އައްސަދު މި ސުވާލުކުރި އެވެ.

ޒާތީ މަންފާއެއް ނެތި ސިޔާސީވެރިން ކުޅިވަރަށް އިންވެސްޓުކުރަން ޖެހޭ

ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަ ވާހަކައަކީ މިހާރު އާ ވާހަކައެއް ނޫނެވެ. ރާއްޖޭގެ ކުޅިވަރުގެ ކޮންމެ އެސޯސިއޭޝަނެއްގައި ވެސް ކޮންމެވެސް އެއް ސިފައެއްގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުފޫޒު ފޯރާފައި އެބަހުއްޓެވެ. މީގެތެރެއިން ޒާތީ މަންފާ ނެތި ކުޅިވަރަށް އިންވެސްޓުކުރާ ސިޔާސީވެރިންނާއި ވިޔަފާރިވެރިން ވަރަށްވެސް މަދެވެ. އައްސަދުގެ އުއްމީދަކީވެސް ޒާތީ މަންފާއެއް ހާސިލްކުރުމުގެ މަގުސަދެއް ނެތި ކުޅިވަރަށް ހިދުމަތްކޮށްދިނުމެވެ.

"އެ ފަރާތްތަކަށް އިނގެންވީ ކުޅިވަރަކީ ކޮބައިކަން، އެއީ ކިހާ މުހިއްމު އެއްޗެއްކަން ، ކުޅިވަރުން މުޖުތަމައުއަށް ކިހާ ފައިދާއެއް ކުރުވާކަން، ހަރަދަށްވުރެ ބޮޑަށް މި މުޖުތަމައު ރަނގަޅަށް ކޮޅަށް ޖަހަން ކުޅިވަރަކީ މުހިއްމު އެއްޗެއްކަން، ޒުވާނުންނަށް ރަނގަޅު ގޮތްތަކެއް ދައްކައިދޭ އެއްޗެއްކަން ކުޅިވަރަކީ" އައްސަދު ބުންޏެވެ.

ގޯލްޑް ކެޕްޓަން އައްސަދު އަބްދުލް ޣަނީ ވަގުތަށް އިންޓަވިއު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދު ތިބި ވިޔަފާރިވެރިން ވެސް ސިޔާސީވެރިން ވެސް ދައުރު ނިންމާފައި ދާންވީ ޒުވާނުންނަށް އެވަރުގެ ހިދުމަތްތަކެއް ކޮށްދީފައި ކަމަށާއި އެއީ ރަނގަޅުގޮތުގައި ކުޅިވަރު ބައްޓަންކޮށްދޭނެ މުހިއްމު ކަމެއް ކަމަށް އައްސަދު ބުންޏެވެ.

"އަޅުގަނޑުގެ އެދުމަކީ ރަނގަޅު ގޮތުގައި މި ކުޅިވަރު ބައްޓަންކޮށްދޭށޭ، ކުޅިވަރަކީ އަހުލާގީ މިންގަނޑުތަކެއް ރަނގަޅުގޮތުގައި ބިނާކޮށްދޭ އެއްޗެކޭ، އެކުވެރިކަން ވަރުގަދަކޮށްދޭ އެއްޗެކޭ، އެކަކު އަނެކަކު ގާތްކޮށްދޭ އެއްޗެކޭ، އަމިއްލަ ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއް އަމިއްލަ ދިރިއުޅުމުގައި އެންމެ ރަނގަޅަށް ގްރާސްރޫޓުން ފެށިގެން ދަސްކޮށްދޭ އެއްޗެކޭ،" ސިޔާސީވެރިންނާއި ވިޔަފާރިވެރިންނަށް އައްސަދު ދޭން ބޭނުންވީ މި މެސެޖެވެ.

އައްސަދު ބުނީ އެންމެ ބޮޑަށް އެދޭ އެއް ކަމަކީ ބަލި އެނދަކަށް ދިއުމުގެ ކުރިން މި ކަންކަން ރަނގަޅުވެގެން ދިޔުން ކަމަށާއި ރަނގަޅު މާހައުލެއް، މިހާރު ކުޅެން ތިބި ޒުވާނުންނަށް ވެސް ރަނގަޅު ގޮތްތަކެއް މެދުވެރިވުމަކީ ދެކެން ބޭނުންވާ ދުވަހެއް ކަމަށެވެ.

2008 ގެ ޓީމާއި އެކު އަދިވެސް ގާތް ގުޅުމެއް

އެ ކާމިޔާބީ ހޯދިތާ އެތަކެއް އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އެ ކާމިޔާބީ ހޯދި ޓީމާއި އަދިވެސް ގާތް ގުޅުމެއް އޮތްކަން އައްސަދުގެ ވާހަކަތަކުން ހާމަވިއެވެ.

"ކޮންމެ އަހަރަކު ވެޓެރަންސް ކުޅޭއިރު ދިމާވާނެ، މިހާރުވެސް ރޭގަނޑު އެއްކޮށް ކުޅެލަން ދަން ، ބައެއް މީހުން އުޅޭނެ، ބައެއް މީހުން އެބަތިބި ދިރިއުޅުމަށް އައި ބަދަލުތަކާއި ގުޅިގެން ދިމާނުވާ މީހުންވެސް، އެކަމަކުވެސް ގިނަ މީހުންނާއި ދިމާވެ ވާހަދެކެވި އެ އެންމެންނާވެސް ގާތް ގުޅުމެއް އެބައޮތް، އޮއްޕޮއާވެސް ދިމާވީ ވަރަށް ގިނަ ދުވަސްތަކެއް ކޮށްފަ، ޓޫކިލޯ އާއި ގިނަފަހަރަށް ދިމާވަނީ ރޯދަމަހު ވެޓަރަންސް މުބާރާތުން" އައްސަދު ބުންޏެވެ.

އައްސަދު ބުނީ މާލޭގައި ތިބި ކުޅުންތެރިންނާއި އަބަދުވެސް ބައްދަލުވާކަމަށެވެ. އަދި އެ ގުޅުމަށް އަދިވެސް ބަދަލެއް ނާންނަ ކަމަށް އައްސަދު ފާހަގަކުރިއެވެ. އައްސަދު އެނބުރި މާލެ ފުރަން ވަގުތު ކުޑަތަންވުމާއި އެކު މި އިންޓަރވިއު ކުރުކޮށްލަން ޖެހުނެވެ. ނަމަވެސް އައްސަދާއި ވަކިވުމުގެ ކުރިން ފަހު ސުވާލެއްގެ ގޮތުން އެއް ސުވާލު އަހަން ބޭނުންވިއެވެ. އެއީ މިހާރު ކުޅޭ ކުޅުންތެރިންތަކުގެ ތެރެއިން އައްސަދު އެންމެ ކަމުދަނީ ކޮން ކުޅުންތެރިންތަކެއް ތޯއެވެ.

"މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަތިބި، ރިޒޭ ވަރަށް ރަނގަޅު، ފޭދޫ އިއްބެ ވެސް ވަރަށް މޮޅު ކުޅުންތެރިއެއް، ދާދުވެސް އެއީ ވަރަށް މޮޅު ކުޅުންތެރިއެއް ، މި ކުޅުންތެރިންގެ އަސްލު ފެންވަރު އަދި ނުފެނޭ، މިއަށްވުރެ މޮޅަށް މި ކުޅުންތެރިން އަދި ކުޅޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ" އިންޓަރވިއު ނިންމާލަމުން އައްސަދު ބުންޏެވެ.

ނ.މާފަރަށް އުފަން އައްސަދު އަބްދުލް ޢަނީ ގެ މާލިމީކަމުގެ ދަށުން ހޯދި މި ކާމިޔާބީއަކީ ދިވެހި ކޮންމެ ދަރިއަކުވެސް ފަހުރުވެރިވާނެ ކާމިޔާބީއެކެވެ. އަދި އަންނަން އޮތް ޖީލުވެސް ނަމޫނާއަކަށް ބަލަންވީ ކަމެކެވެ. އައްސަދަށްފަހު އޭނާގެ ކޮށްކޮ އަކްރަމް އަބްދުލް ޢަނީ ވަނީ 2018 ވަނަ އަހަރު މި ތަށި ހޯދާފައެވެ. މި ފުޓުބޯޅަ އާއިލާއިން އަދިވެސް އިތުރު ތަރިންތަކެއް އުފަންވާނެ ކަމަށް ގަބޫލުކުރެވެއެވެ. މި އިންޓަރވިއު ނިންމާލީ ހިތުގައި އުފެދުނު ގިނަ ސުވާލުތަކަށް ޖަވާބު ލިބިގެންނެވެ. އަދި އެ ހިތްހަމަޖެހުމާއި އެކުގައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޣަނީ ގެ ފޭން އެއް

    އައްސަދު އަބްދުލް ޣަނީ ކަހަލަ. މޮޅެތި ކުޅުން ރާއްޖެއަށް ރަން ވަނަ ހޯދައި ދިނުމަށް ތި ކުރި ބުރަ މަސައްކަތް އަތްސަރި ބަހާ ސާބަސް

    30
    1
  2. ކަރީމް

    އަޅުގަނޑު އައްސަދުއާއި ކޮޢްލަން ބޭނުން އެއް ސުވާލެއް އެބައޮތެވެ.ކޮންމެސް ދުވަހަކުން މިސުވާލުގެ ޖަވާބް ދޭނެކަމަށް އުއްމީދު ކުރަމެވެ.އައްސަދުގެ ލީޑަރ ސިޕްގެ ދަށުން އުފަންރަށަށް ފުޓްބޯޅައިގެ ދާއިރާއިން ކޮށްދެވުނީ ކޮންކަމެއްތޯއެވެ. ރަށުގެ ޒުވާނުންނާއި އައްސަދާއި ދޭތެރޭ އޮންނަން ވާވަރުގެ އެކުވެރި ގާތްކަމެއް ނޯންނަނީ ކީއްވެތޯއެވެ.

    5
    3
  3. ޖެޒޫ

    އައްސަދަކީ ވަރަށް އަޚުލާގު ރަނގަޅު މީ ހެއް

    9
    1
  4. ނަޖްވާ

    ކޮބާތަ މަޖްލިހަށް ވަދެގެން އެ އުޅޭ ޓޮމް ކިޔާ މީހާ؟ އެެވެސް އެއްއިރެއްގައި ފުޓުބޯޅަ ކުޅުނު މީހެކޯ! ކީކޭ ދެން ފަހެ އަޅެ ބުނާނީ!

    4
    6
  5. މޯލްޑިވިޔަން

    ނަމާދު ކުރަންތަ ބަރާބަރަށް؟.ޢެވީ ރަނގަޅު

  6. ނުބައިކަން

    އަހުލާގު ރަގަޅުވާހަކަ ދައްކާއިރު، އައްސަދު ޖަލަށްލާ ހެދީ ތެޔޮބިޑިބޮއިގެން

  7. އަތްބިދުނު ކެޕްޓަން

    ޓޮމްގެ އެކެސްކޯ އިން އިސްތިއުފާދިނީ ކީއްވެޔޯ؟