އެންމެފަހުގެ ލީގު ޗެމްޕިއަން ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗުކަމުން ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާދީފި އެވެ.

ކޯޗު ނިޒާމްބެ މިކަން އިއުލާނުކޮށްފައިވަނީ މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. މިކަން މާޒިޔާއިންވެސް ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދީފައެވެ.

މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ނިޒާމްބެ ބުނެފައިވަނީ ކުލަބުގެ ކޯޗުކަމުން އިސްތިއުފާދޭން ނިންމީ އެންމެފަހުން ކުލަބް ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމާއި އެކު ޓީމުން ނެރެފައިވާ ދަށް ނަތީޖާތަކާއި ގުޅިގެން ކަމަށެވެ. އަދި މި ފުރުސަތުގައި ދިން އެހީތެރިކަމަށް މާޒިޔާގެ މެނޭޖްމަންޓަށް ނިޒާމްބެ ވަނީ ޝުކުރުއަދާކޮށްފައެވެ.

ނިޒާމްބެގެ އިސްތިއުފާ ޤަބޫލުކޮށް މާޒިޔާއިންވެސް ބަޔާނެއް ނެރެފައިވެއެވެ. އެ ކުލަބުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކުލަބުގެ ހެޑް ކޯޗުކަމުން ނިޒާމްބެ އިސްތިއުފާދިނުމަށް ހުށައެޅުމާއެކު، ކުލަބުގެ ހިންގާ ބޯޑުން ކޯޗުގެ އިސްތިއުފާ ޤަބޫލުކޮށްފައިވާ ކަމަށެވެ.

"މި ކުލަބުގެ ހެޑް ކޯޗުގެ މަޤާމުގައި ނިޒާމްބެ ހޭދަކުރި ދުވަސްތަކުގައި، މި ކުލަބަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް، ކުލަބުގެ ޗެއާމަނާއި، ބޯޑު އަދި މެނޭޖްމަންޓުގެ ނަމުގައި ޝުކުރުއަދާކުރަން، އަދި ނިޒާމްބެގެ ކެރިއަރުގައި ކުރިޔަށްއޮތް ތަނުގައި ވެސް ކާމިޔާބަށް މި ކުލަބުން އެދެމެވެ" މާޒިޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ހެޑް ކޯޗުކަމުން ނިޒާމްބެ އިސްތިއުފާ ދިނުމާއި ގުޅިގެން އެ ކުލަބުގެ ކޯޗުކަމާއި ވަގުތީގޮތުން ހަވާލުކޮށްފައިވަނީ އެ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުގެ މަޤާމުގައި އަހުމަދު ސުޒެއިރު (ކޮއްކޮ) އަށެވެ.

ވަރުގަދަ ސްކޮޑަކާއެކު މި ސީޒަނާއި ކުރިމަތިލި މާޒިޔާއިން މިހާތަނަށް ކުޅުނު މެޗުތަކުން މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ.