ޕްރިމިއަރ ލީގުގައި ރޭ ވަރުގަދަ ޓޮޓެންހަމް އާއި ދެކޮޅަށް ކުޅެ ވުލްވްސް އިން އެޓީމު މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 1-1 އިން ނަތީޖާ ހަމަހަމަ ވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ޓޮޓެންހަމް އިން ލީޑު ނެގިނަމަވެސް ވުލްވްސް އިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 4 މިނެޓަށް ވެފައި ވަނިކޮށް ލަނޑެއް ކާމިޔާބު ކޮށް އެއްވަރު ކޮށްފައެވެ.

މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ބެން ޑޭވިސް ތަނަވަސް ކޮށްދިން ފުރުސަތަކުން ޓޮޓެންހަމްގެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓެންގީ އެންޑޮމްބެލޭ އެވެ. އެހެންނަމަވެސް އެންމެ ފަހުން ޕްރިމިއަރ ލީގުގައި ކުޅުނު މެޗުންވެސް ބަލިވި ޓޮޓެންހަމް މެޗުން މޮޅުވާން ކުރަމުންދިޔަ އުންމީދު ނިމުމަކަށް ގެނައީ ޕެޑްރޯ ނޭޓޯ ތަނަވަސް ކޮށްދިން ފުރުސަތުން ރޯމަން ސައިސް ކާމިޔާބު ކުރި ލަނޑެވެ.

މެޗުން ބަލިވިނަމަ 2012 ވަނަ އަހަރަށް ފަހު މިއީ ޓޮޓެންހަމް ޕްރިމިއަރ ލީގުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރަށް ވާނެއެވެ. އެންމެ ފަހުން ލީގުގައި ލެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުން 1-3 އިން ބަލިވި އިރު އޭގެ ކުރިން ޗެމްޕިއަން ލިވަޕޫލް އާއި ދެކޮޅަށް ކުޅެ އެޓީމު ވަނީ 1-2 އިން ބަލި ވެފައެވެ.

މި ނަތީޖާ އާއި އެކު ޓޮޓެންހަމް ވަނީ ޕޮއިންޓް ތާވަލުގެ ފަސް ވަނަ އަށް ވެއްޓިފައެވެ. އެޓީމަށް ކުޅުނު 15 މެޗުން ލިބިފައި ވަނީ 26 ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅެ މެންޗަސްޓަރ ޔުނައިޓެޑް 27 ޕޮއިންޓާއި އެކު އޮތީ ތާވަލުގެ 4 ވަނައިގައެވެ. ތާވަލުގެ އެއް ވަނައިގައި ފަނަރަ މެޗުން 32 ޕޮއިންޓް ހޯދައިގެން އޮތީ ލިވަޕޫލް އެވެ.