ސްޕެނިޝް ލަލީގާގައި މިރޭ ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އިން އެލްޗޭ އާއި ދެކޮޅަށް ކުޅޭ މެޗަށް އެޓީމުގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް ފިޓު ވެއްޖެ ކަމަށާއި މެޗުން އޭނާ ފެނިގެންދާނެ ކަމަށް އެޓީމުގެ ކޯޗް ޒައިނެއްދީން ޒިދާން ބުނެފިއެވެ.

ހަޒާޑް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ނިމިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އެޓީމް ޑިޕޯޓިވޯ އަލާވޭސް އަތުން 1-2 އިން ބަލިވި މެޗުގައެވެ. މެޗުގެ ވަކި ހިސާބަކުން ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާ ދަނޑުން ބާލާފައިވާއިރު މިހާތަނަށް މި ސީޒަނުގައި ހަޒާޑް މެޗެއްގެ 90 މިނެޓު ހަމަކޮށްފައެއް ނުވެއެވެ.

މިހާތަނަށް އޭނާ މި ސީޒަނުގައި ފެނިގެން ގޮސްފައިވަނީވެސް އެންމެ 6 މެޗުގައެވެ. އެތައް ފަހަރެއްގެ މަތިން އަނިޔާގެ މައްސަލަ ކުރިމަތިވުމުގެ އިތުރުން ކޮވިޑަށް ފައްސިވެ މިސީޒަނުގެ މިހާތަނަށް ބޮޑުބައެއް އޭނާއަށް ގެއްލިފައި ވާއިރު ރެއާލް އަށް ސޮއެ ކުރި ފަހުންވެސް ހަޒާޑް ފެނިގެން ގޮސްފައި ވަނީ ނިސްބަތުން މަދު މެޗުތަކަކުންނެވެ.

މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޒިދާން ބުނީ ހަޒާޑް ފިޓު ވެއްޖެ ކަމަށާއި މެޗުގެ ފުރިހަމަ ވަގުތު ނުކުޅުނު ނަމަވެސް ކޮންމެވެސް ވަރަކަށް މެޗުގެ ތެރެއިން އޭނާ ފެނިގެން ދާނެ ކަމަށެވެ.

އެންމެ ފަހުގެ ނަތީޖާތަކަށް ބަލާއިރު ލަލީގާގެ ޕޮއިންޓް ތާވަލުގައި ރެއާލް އޮތީ އެއްވަނައިގައި 32 ޕޮއިންޓާއި އެކު އޮތް އެތްލެޓިކޯ މެޑްރިޑަށް ވުރެ ދެ މެޗު އިތުރަށް ކުޅެ 15 މެޗުން ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ތާވަލުގެ 2 ވަނައިގައެވެ.

ހަޒާޑަށް ރެއާލްގައި އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާއިރު 2019 ވަނަ އަހަރު އޭނާ ޗެލްސީގައި ހުރުމަށްފަހު ރެއާލް އަށް ބަދަލުވީ 112 މިލިއަން ޑޮލަރުގެ ބޮޑު ޓްރާންސްފަރ ފީއެއްގައެވެ.