ޕްރިމިއަރ ލީގުގައި ވުލްވް އާއި ދެކޮޅަށް ވާދަވެރި ކުޅުމެއް ކުޅެ ފަހު ވަގުތު ރަޝްފޯޑް ކާމިޔާބު ކޮށްދިން ލަނޑާއި އެކު މެންޗަސްޓަރ ޔުނައިޓެޑް ހަނި ގޮތަކަށް މޮޅު ވެއްޖެއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މިމެޗުން އެޓީމު މޮޅުވީ 0-1 ގެ ނަތީޖާ އަކުންނެވެ. މިއާއެކި އެޓީމުން ވަނީ ޕްރިމިއަރ ލީގުގައި ބަލިނުވެ 9 މެޗު ހަމަކޮށްފައެވެ.

މެޗުގައި ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ހަމަ އެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ބްރޫނޯ ފެރްނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް މާކަސް ރަޝްފޯޑެވެ.

މެޗުން މޮޅުވެ 15 މެޗުން 30 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 2 ވަނައިގައެވެ.

އެހެންނަމަވެސް ކޮވިޑް-19 އަށް މެންޗަސްޓަރ ސިޓީގެ ގިނަ ކުޅުންތެރިންތަކެއް ފައްސި ވުމާއި ގުޅިގެން އެޓީމުން އެވަޓަން އާއި ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްފައި ވާއިރު، މިދެޓީމުގެ ކުރިމަތި ލުމުން އެވަޓަން ކުރި ހޯދައިފި ނަމަ އަނެއްކާވެސް ތާވަލުގެ ދެވަނަ އަށް އެރުމުގެ ފުރުސަތު އެޓީމަށް ލިބިގެން ދާނެއެވެ.

ކުޅުނު 15 މެޗުން 32 ޕޮއިންޓް ހޯދައިގެން މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އެވެ.