ރާއްޖޭގައި ކުޅިވަރު ޖާޒީ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މަޅި އެމްވީ އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ޑުޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖް 2021" މިމަހު ފެށުމަށް ނިންމައިފިއެވެ.

"ވަގުތު" އާއި ވާހަކަދައްކަމުން މަޅި އެމްވީގެ ސީއީއޯ ނަސްރު ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 32 ޓީމަށް ހުޅުވާލި ކަމަށާއި، ފުރުސަތު ހުޅުވާލިތާ 2 ދުވަސް ތެރޭގައި ހުރިހާ ޖާގައެއް ފުރިފައިވާ ކަމަށެވެ. ޖުމްލަ 32 ޓީމާއި އެކު ކުރިއަށްދާ މި މުބާރާތް ފަށާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

މުބާރާތް ބޭއްވުމުގައި "މަޅި" އާއެކު ބައިވެރިވަނީ މަސްއޮޑި ސްޕޯޓްސް ކުލަބާއި ކުޑަހެންވޭރު ޔުނައިޓެޑު ކަމަށެވެ. އަދި މުބާރާތުގެ މެޗުތައް ކުޅޭނީ ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި ކަމަށާއި ހުރިހާ މެޗެއްވެސް ކުޅޭނީ ކުޑަހެންވޭރު ޓާފް ފުޓްސަލް ގްރައުންޑްގައި ކަމަށް ނަސްރު ބުނެފައިވެއެވެ.

ކޮވިޑް-19 އަށް ފަހު ހާއްސަކޮށް މާލޭގައި އުޅޭ ޒުވާނުންނަށް ކުޅިވަރުގެ މާގިނަ ހަރަކާތްތަކެއް ބޭއްވިފައި ނުވާއިރު ނިމިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު މުބާރާތުގައި ބައިވަރި ވުމުގެ ފުރުސަތު ހުޅުވާލުމާއި އެކު ވަރަށް ފޯރި އާއެކު ޖާގަތައް ފުރިގެން ދިޔައިރު މުބާރާތުގައި މާލޭގެ އިތުރުން އަތޮޅު ތަކަށް ނިސްބަތްވާ ޓީމްތައް ވެސް ބައިވެރި ވެފައިވާ ކަން ނަސްރު ވަނީ ފާހަގަކޮށްފައެވެ.

މަޅި މޯލްޑިވްސް އިން ބާއްވާ މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގެ ތަރިންގެ ގޮތުގައި ބެލެވޭ ގިނަ ކުޅުންތެރިންތަކެއް ފެނިގެންދާނެ އެވެ. ގިނަ ދުވަސްތަކަކަށް ފަހު މާލޭގައި މި މުބާރާތަކީ މާލޭގައި އަނެއްކާވެސް ފޯރިގަދަ، ވާދަވެރި ކުޅިވަރުގެ ހަރަކާތެކެވެ.

ޗެމްޕިއަން ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމަކާއި 15000 ރުފިޔާގެ ޓްރޮފީއެއް ލިބިގެންދާ މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ބިގް މޭންގެ ޑުޕަރ ފިފްޓީން އެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު މުބާރާތުގައި އިންޑިވިޖުއަލް ގިނަ މަގާމު ތަކަކާއި ހުރިހާ ގޮތަކުން ބެސްޓް ސަޕޯޓަރސް ޓީމް ހޮވާނެ ކަމަށް ނަސްރު ވަނީ "ވަގުތު" އަށް މައުލޫމާތު ދީފައެވެ.

މަޅި މޯލްޑިވްސް އަކީ ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ "ވަގުތު" ފުޓްސަލް ޗެލެންޖްގެ އެންމެ ފަހުން ބޭއްވުނު މުބާރާތުގެ ސްޕޯޓްސް ޕާޓްނަރެވެ. އަދި މިއަހަރު ބޭއްވުމަށް ނިންމާފައިވާ "ނެސޯ" ވަގުތު ފުޓްސަލް ޗެލެންޖް 2021 ގެ ސްޕޯޓްސް ޕާޓްނަރެއްގެ ގޮތުގައި މަޅި މޯލްޑިވްސް ހަމަޖައްސާ ވަނީ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ.

މިމުބާރާތުގެ ސްޕޮންސަރުންނަށް ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 7770630 އަށް ގުޅައިގެން އިތުރު މައުލޫމާތު ސާފު ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 125ޖ

    ދިވެހިން މިތިބީ ކުޅުމާ، މަޖާ ކުރުމަށް ގޮސް ގެއްލި ހުސްވެފަ.. އަނެއް ބަޔަކު މަސްތުގެ ދުނިޔޭގައި.. މީގެ ނާޖާއިޒު ފައިދާ މިނަގަނީ ޑާރޓީ ޕޮލިޓިކްސް ގަ އުޅޭ މީހުން..