މާލެ އާއި ހުޅުމާލޭގައި ޓެނިސް ކޮމްޕްލެކްސް ތަރައްގީކޮށް ހިންގުމާއި އިތުރު ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ކުޅިވަރާ ބެހޭ ވުޒާރާއިން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ބިން ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ ނެޝަނަލް ޓެނިސް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޓެނިސް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެންބަރުންގެ އިތުރުން ކުޅުންތެރިންނާއި ބެލެނިވެރިންވެސް ވަނީ މި ރަސްމިޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މާލެ އާއި ހުޅުމާލޭގައި ޓެނިސް ކޮމްޕްލެކްސް ތަރައްގީކޮށް ހިންގުމަށް، އަދި އިތުރު ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފެވެ. އަދި ޓެނިސް އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް އަހްމަދު ހަފީޒެވެ.

ޓެނިސް ކޮމްޕްލެކްސް އަޅަން ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޓެނިސް އެސޯސިއޭޝަން

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އެސޯސިއޭޝަންތަކާ ގުޅިގެން މި މަސައްކަތްކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޓެނިސް އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަޙްމަދު ނަޒީރު ދެއްކެވި ވާހަކައިގައި ޓެނިސް ކޮމްޕްލެކްސް އެޅުމަށް ބިން ހަމަޖެހުމަކީ ވަރަށް އުފާވެރިކަމެއް ކަމަށާއި، އަދި އެކަމަށް ސަރުކާރުގެ ފަރާތުން، ހާއްސަކޮށް ކުޅިވަރާ ބެހޭ ވަޒީރު ދެއްވާ ސަމާލުކަން ފާހަގަކުރެއްވިއެވެ. އަދި ކުޅުންތެރިން ހެޔޮގޮތުގައި ވަސިލަތްތައް ބޭނުންކުރުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.

ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަޙްމަދު ހަފީޒުގެ ވާހަކަފުޅުގައި މި ސަރުކާރުން ކުޅިވަރު ތަރައްގީކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށާއި، ކުޅިވަރާ ބެހޭ ވަޒީރަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އެ އެސޯސިއޭޝަނުން ކުރިއަށް ރާވާފައިވާ އެހެނިހެން ކަންކަމަށް އަލިއަޅުވާލައްވަމުން ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު އެހެން ހަރުފަތަކަށް ގެންދިއުމުގެ މަގުސަދުގައި ފެންވަރު ރަނގަޅު ކޯޗުން ޔޫރަޕުން ގެނައުމަށް މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިއްދޫރިސޯޓްބޯއީ

    ހަފީޒުމެން ކުޅިވަރަށް މި ހަރަދުކުރަނީ މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖުން ކަނޑާ ބައިންތަ؟ މިދިޔަ މަހުން ފެށިގެން ވަރަށް އުއްމީދާއެކީ ރަނގަޅަށް ކެޔުމެއް ބުޔުމެއް ރެސްޓް ކުރުމެއްނެތި ބުރަކޮށް މުވައްޒަފުން މަސައްކަތް ކުރީ މި މަހު ރަނގަޅު ސާވިސް ޗާޖެއް ދޭނެކަމުގެ ފޮނި އުންމީދާއެކީ. ނަމަވެސް ލިބުނު ސާވިސް ޗާޖުން ދެބައިކޮށް އެއްބައި އުނިކޮށްލުން ވީ އެމުވައްޒަފުން މާޔޫސް ކޮށްލި ކަމަކަށް. އެކަމަކު ކީއްކުރާނީ މިކަންކަން ރަނގަޅު ކޮށްދޭން އެދި އާދޭސް ދަންނަވަން އޮތް ސަރުކާރު މި އޮތީ އަހަރުމެން އަތުން ކަނޑާލާ ބައިން ޓެނިސް ކޮންޕުލެކްސް އަޅައިދޭތީ އުފަލުން. އެހެންވީމަ އެމީހުންނަށް ހެޔޮވާނެ އެއްނު ކޮންމެ ގޮތެއް ހެދިޔަސް. ޝުކުރިއްޔާ ޒުވާނުންގެ މިނިސްޓަރު. ޝުކުރިއްޔާ ރައީސް. ވަރަށް އިންތިޒާރު ކުރަން އެބަ 2023އަށް.

  2. ައޮފްބެ

    ކޮބާހޭ މާލެއާއި ހުޅުމާލޭގައި ވޮލީ ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައި އޮތް ބިންތަށް...ޓެނިސްތިކައުންޓްވެސް ނުކުރެޥޭ ކުޅިވަރެއް!