ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފުވުމާއި ގުޅިގެން ޓޮޓެންހަމް ހޮޓްސްޕާސް ގެ ތިން ކުޅުންތެރިންގެ މައްސަލަ ބަލަން އެ ކުލަބުން ނިންމައިފިއެވެ.

ޓޮޓެންހަމް އިން މި މައްސަލަ ބަލަނީ އެ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ އެރިކް ލަމޭލާ އާއި ސާާޖިއޯ ރެގިލޯން އަދި ޖިއޮވާނީ ލޮ ސެލްސޯ އެކުގައި ޕާޓީއަކަށް ގޮސް ކްރިސްމަސް ފާހަގަކުރުމާއި ގުޅިގެންނެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ވެސްޓް ހޭމްގެ މެނުއެލް ލަންޒިނީ ވެސް މި ޕާޓީއަށް ދިޔަކަމަށް ވެއެވެ.

މި މައްސަލަ ފަޅާއަރާފައިވަނީ ސޯޝަލް މީޑިއާގައި މި ތިން ކުޅުންތެރިން އެކުގައި ތިބި ފޮޓޯއެއް އާންމުވުމާއި ގުޅިގެންނެވެ. މި ތިން ކުޅުންތެރިންވެސް ތިބީ އާއިލާއާއެކު ކްރިސްމަސް ފާހަގަކުރާށެވެ. ޓޮޓެންހަމް އިން ވަނީ މި މައްސަލައިގައި ވަރަށް ބޮޑަށ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ހެދިފައި ހުރި ގަވާއިދުތައް ވަރަށް ސާފު، އެއްވެސް އުޒުރެއް ދެއްކޭކަށް ނެތް، އަދިވެސް އެއްފަަހަރު ކުލަބުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހަނދާންކޮށްދެން ކޮވިޑް-19 އާއި ގުޅިގެން ހެދިފައިހުރި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން، އަދި އެހެން ކުލަބުތަކަށް ނަމޫނާ ދައްކަން، މި މައްސަލަ ކުލަބުގެ އެތެރޭގެ މައްސަލައެއްގެ ގޮތުގައި ބަލާނަން" ޓޮޓެންހަމް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މި ތިން ކުޅުންތެރިންނަކީ ވެސް ޓޮޓެންހަމް ގެ މުހިއްމު ތިން ކުޅުންތެރިންނެވެ. މީގެތެރެއިން ސެލްސޯ ހުރީ އަނިޔާއާއި ގުޅިގެން ކުޅުމާއި ދުރުގައެވެ. އަދި އެންމެފަހުން ޓޮޓެންހަމް ކުޅުނު މެޗުތަކުން އަނެއް ދެ ކުޅުންތެރިންނަށް ފުރުސަތު ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މި ޕާޓީޢަށް ވެސްޓް ހޭމްސްގެ ލަންޒިނީ ދިޔަ މައްސަލައިގައި ވެސްޓް ހޭމް އިންވެސް ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެ ކުލަބުން ވަނީ ޓޮޓެންހަމް އިން ނެރުނު ބަޔާނާއި އެއްގޮތަށް ކަންބޮޑުވުން ފާޅުކުރާކަން ހާމަކޮށް ކުލަބުގެ އެތެރޭގެ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބެލުމަށް ނިންމާފައެވެ.

އިނގިރޭސިވިލާތުން ހަދާފައިވާ ކޮވިޑުން ރައްކާތެރިވުމުގެ ޤަވާއިދުގެ ދަށުން ބޭރުން އަންނަ މީހުން ނުލާ އާއިލީ ބައްދަލުވުންތަކާއި ޕާޓީތައް ގޭތެރޭގައި ބޭއްވޭނެއެވެ. ނަމަވެސް ބޭރުން ބަޔަކު ގެނެސްގެން އެފަދަ ހަރަކާތްތައް ބޭއްވުމަކީ މަނާކަމެކެވެ. އިނގިރޭސި ޤަވާއިދުތައް ބުނާގޮތުން އެފަދަ ފަރާތްތަކަށް ހަރުކަށީ ފިޔަވަޅު އަޅާނެއެވެ. އެގޮތުން އެންމެ ފުރަތަމަ ޤަވާއިދާއި ހިލާފުވެއްޖެ ނަމަ 200 ޕައުންޑް، ދެވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ 6،400 ޕައުންޑް އަދި 30 މީހުންނަށްވުރެ ގިނަމީހުން ބައިވެރިވި ޕާޓީއެއްގައި ބައިވެރިވެއްޖެ ނަމަ ކޮންމެ މީހެއް 10،000 ޕައުންޑުން ޖޫރިމަނާކުރާނެ އެވެ.