ޕްރިމިއަރ ލީގުގައި ޓޮޓެންހަމް އިން ލީޑްސްގެ މައްޗަށް ފަސޭހަކަމާއި އެކު ކުރިހޯދި މެޗުގައި އެޓީމުގެ ދެކުނު ކޮރެއާގެ ތަރި ސޮން ހިޔުން މިންގް "ސެންޗަރީ" ނުވަތަ ސަތޭކަ ލަނޑު ހަމަކޮށްފިއެވެ.

ލީޑްސް އަތުން 3-0 އިން ބަލިވި މި މެޗުގައި ސޮން ކާމިޔާބުކުރި ލަނޑާއެކު އޭނާ ވަނީ ޓޮޓެންހަމަށް ޖުމްލަ 100 ލަނޑު ކާމިޔާބުކޮށްދީ އެޓީމުގެ ތާރީހުން ޖާގަ ހޯދާފައެވެ.

އާދައިގެ މަތިން ސޮން އަދި ހެރީ ކޭންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކޭން އެވެ. މިއީ ޓޮޓެންހަމްގެ ސްޓީވަންއަށް ޕެނަލްޓީ އޭރިއާ ތެރެއިން ލީޑްސްގެ އެލިއޮސްކީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި ކޭން ކާމިޔާބުކުރި ލަނޑެކެވެ.

ޓޮޓެންހަމްގެ ދެވަނަ ލަނޑަކީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް ސޮން ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑާއެކު ސޮން އަށް ތާރީހީ ކާމިޔާބީއަކާއި ހަމައަށް ވާސިލްވެވުން އިރު ސޮން އާއި އޭނާއަށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިން ކޭން އަށްވެސް ވަނީ ރެކޯޑަކާއި އަރާ ހަމަ ކޮށްފައެވެ.

ޕްރިމިއަރ ލީގުގެ ތާރީހުގައި ދެކުޅުންތެރިއަކު ގުޅިގެން އެއް ސީޒަންގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރުމުގެ ރެކޯޑް

އެލެން ޝިއަރަރ އާއި ކްރިސް ސަޓަން

ޕްރިމިއަރ ލީގުގައި މީގެ 25 އަހަރު ކުރިން ބްލެކްބާން އަށް ކުޅެމުން އައި އެލެން ޝިއެރާ އާއި ކްރިސް ސަޓަން ވަނީ އެއް ސީޒަނުގައި ދެ ކުޅުންތެރިން ގުޅިގެން 13 ލަނޑު ކާމިޔާބުކޮށް ޕްރިމިއަރ ލީގުގައި އެއް ސީޒަނުގައި ދެ ކުޅުންތެރިއަކު ގުޅިގެން އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިންގެ ޝަރަފް ލިބިގެންފައެވެ. އެހެން ނަމަވެސް ޓޮޓެންހަމްގައި އަބަދުވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސޮން އާއި ހެރީ ކޭން މިވަނީ މިސީޒަނުގައި މިއަދަދަށް ލަނޑު ކާމިޔާބުކޮށް އެތައް އަހަރުތަކެއްވީ ރިހިޔޫބީލް ހަމަކޮށްފައިވާ މި ރެކޯޑް ރޭގެ މެޗުގައި މުގުރާލާފައެވެ.

މެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި ފަހު ލަނޑު ސޮން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޓޯބީ އެލްޑާވިއެރެލްޑް އެވެ.

މެޗުން މޮޅުވެ ޓޮޓެންހަމް ވަނީ ޖުމްލަ 29 ޕޮއިންޓާއި އެކު ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ 3 ވަނަ މަގާމަށް ޖެހިލާފައެވެ. ތާވަލްގެ ދެވަނައިގައި މެންޗަސްޓަރ ޔުނައިޓެޑް 33 ޕޮއިންޓާއި އެކު އޮތްއިރު އެއްވަނައިގައި ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން އޮތީ ލިވަޕޫލް އެވެ.