ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކޯޗު ކަމަށް އެންމެ ފަހުން އިނގިރޭސި ވިލާތުގެ ގަދަ ބާރު ޓޮޓެންހަމް ހޮޓްސްޕަރ އަށް ކޯޗުކަން ކޮށްދިން މައުރީސިއޯ ޕޮޗެޓީނޯ ހަމަޖައްސައިފިއެވެ.

މީގެ ކުރިން ސްޕެއިންގެ އެސްޕަނިޔޯލް އަށްެސް ކޯޗުކަން ކޮށްދީފައިވާ ޕޮޗެޓީނޯ އާއިއެކު ޕީއެސްޖީ އިން ހަދާފައިވަނީ ގާތްގަނޑަކަށް ދޮޅު އަހަރު ދުވަހުގެ އެއްބަސް ވުމެކެވެ. މި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2022 ވަނަ އަހަރުގެ ހޫނު މޫސުމަށެވެ.

ޕީއެސްޖީގެ ކޯޗު ކަމާއި ޕޮޗެޓީނޯ ހަވާލުވީ އެންމެ ފަހުން އެޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރި ތޯމަސް ޓުޗެލް މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ ފްރެންޗް ލީގުގައި ސްޓްރަސްބާގް އަތުން އެޓީމު 0-4 އިން މޮޅުވި މެޗަށްފަހު އެވެ. އެހެން ނަމަވެސް ރަސްމީކޮށް އޭނާ މަގާމުން ދުރުކުރިކަން ހާމަކޮށްފައި ވަނީ ނިމިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ.

ޕޮޗެޓީނޯ ވަނީ މީގެކުރިން ޕީއެސްޖީއަށް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ. އެގޮތުން 2001 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް އޭނާ ވަނީ ޖުމްލަ 95 މެޗު އެޓީމަށް ކުޅެދީފައެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެޓީމާއެކު އިންޓާޓޯޓޯ ކަޕް ކާމިޔާބު ކޮށްފައެވެ.

ޕޮޗެޓީނޯ ޓޮޓެންހަމްގެ ކޯޗު ކަމުގެ މަގާމުން ވަކި ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައެވެ. އޭނާ މަގާމުން ވަކި ކޮށްފައި ވަނީ 2019/20 ވަނަ އަހަރުގެ ސީޒަނުގައި ޕީއެސްޖީ އިން ދައްކަމުންދިޔަ ދަށް ނަތީޖާ ތަކާއި ގުޅިގެންނެވެ. އެގޮތުން އޭނާ މަގާމުން ދުރު ކުރިއިރު ޓޮޓެންހަމް އޮތީ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ 14 ވަނައިގައެވެ. ޓޮޓެންހަމްގެ ކޯޗު ކަމުގެ މަގާމުން ޕޮޗެޓީނޯ ވަކިކުރި ފަހުން މިއަދާ ހަމައަށް އިތުރު ޓީމަކަށް އޭނާ ކޯޗުކަން ކޮށްދީފައި ނުވާއިރު އޭނާގެ ކޯޗު ކަމުގެ ދަށުގައި ޕީއެސްޖީއިން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ފްރެންޗް ލީގުގެ ޕޮއިންޓް ތާވަލުގެ 14 ވަނައިގައި އޮތް ސެއިންޓް އެތިއެން އާއި ދެކޮޅަށެވެ.

ޕީއެސްޖީން 2020 ވަނަ އަހަރު ނިންމާލީ ފްރެންޗް ލީގުގެ ޕޮއިންޓް ތާވަލުގެ ތިންވަނައިގައި އޮވެގެންނެވެ. ޕީއެސްޖީއަށް ވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައި ޖުމްލަ 36 ޕޮއިންޓާއެކު ލިޔޯން އޮތްއިރު ތާވަލުގެ ދެވަނައިގައި ލިލް އޮތީވެސް ހަމަ މި އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ލިޔޯންއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.