މާސްގައި އޭލިއަނުން ނުވަތަ "މާޝިއަންސް" އުޅޭނަމަ އަދި އެމީހުން ދުނިޔެއަށް ޒިޔާރަތް ކޮށްފިނަމަ އެންމެ ފުރަތަމަވެސް އެމީހުން ދެނެގަންނާނެ އެއް ކަމަކީ ފުޓުބޯޅައިގައި ބޭނުންކުރާ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އަކީ ރެއާލްއަށް ނުހައްގު ފައިދާ ހޯދައިދޭ އެޓީމުގެ އެކުވެރިއެއްކަން ކަމަށް ބާސާގެ ރައީސްގެ މަގާމަށް ވާދަކުރާ ހުއާން ލަޕޯރްޓާ ބުނެފިއެވެ.
ބާސާގެ ރައީސް އަކު ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ގިނަބަޔަކު ގަބޫލްކުރާ ލަޕޯރްޓާ މިހެން ބުނެފައިވަނީ ސްޕެއިންގެ ކުޅިވަރު ނޫހަކަށް ދިން އެކްސްކްލޫސިވް އިންޓަވިއު އެއްގައެވެ.
ލަޕޯޓާ އިތުރަށް ބުނިގޮތުގައި ވީއޭއާރް ތައާރަފް ކުރިފަހުން ރެއާލް އިން ހޯދާފައިވާ ގިނަ ކާމިޔާބީތަކަކީ ވީއޭއާރްގެ ބޮޑު އެހީތެރިކަމަކާއި އެކު ނުހައްގުން ހޯދާފައިވާ ކާމިޔާބީތަކެއް ކަމަށެވެ. އަދި މިއީ ފުޓްބޯޅަ ރަނގަޅަށް ބަލާ، މި ކުޅިވަރުގެ ކުޑަވެސް މިންވަރެއްގެ މައުލޫމާތެއް އިނގޭ މީހަކަށް އޮޅިފައިވާނެ ކަމެއް ނޫންކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ބާސާގެ ރައީސް ކަމުގެ މަގާމުން ފާއިތުވީ އަހަރުގެ ފަހުކޮޅު އިސްތިއުފާ ދިން ޖޯސެފް ބާޓެމޮއު އަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަބަދުވެސް ފާޑުކިޔާ ލަޕޯރްޓާ ބުނީ ބާސާގެ ފުޓުބޯޅަ ހަޔާތުގެ އެންމެ ހިތްދަތި އަދި އެންމެ ދަށް ދުވަސްތަކާއި ކުރިމަތިލާން ޖެހުނީ ބާޓެމޮއުގެ ރައީސް ކަމުގައި ކަމަށެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހުރި ބާސާއިން 2015 ވަނަ އަހަރުން ފެށިގެން ހޯދިފައި ވަނީ އެންމެ ޗެމްޕިއަންސް ލީގެއް ކަމަށާއި ވާދަވެރި ރެއާލް މެޑްރިޑުން ތިން ފަހަރަށް މިތަށި ހޯދުން މިއީ ބާޓެމޮއުގެ ނާގާބިލްކަން ސާބިތުކޮށްދޭ ކަމެއް ކަމަށް ލަޕޯޓާ ބުންޏެވެ.
މީގެ ކުރިން 2003 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ބާސާގެ ރައީސްކަން ކޮށްފައިވާ ލަޕޯރްޓާ އިތުރަށް ބުނީ ބާސާގެ ތާރީހުގައި ވެސް އެޓީމުން ދެކުނު އެންމެ ކާމިޔާބު ދުވަސްތައް ފެނިފައި ވަނީ އޭނާގެ ރައީސް ކަމުގެ ދަށުން ކަމަށާއި އަލުން ރައީސް ކަމުގެ މަގާމަށް ކުރިމަތި މިލަނީ ބާސާ ދެކެ ވާ ލޯތްބެއްގެ ސަބަބުން ކަމަށާއި ޓީމު މިހާރު އޮތް އަޑިގަނޑުން ސަލާމަތް ކޮށް ބާސާގެ އަސްލު މަގާމަށް ގެންގޮސްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިހާރު ބާސާ އަކީ ޔޫރަޕުގެ އެންމެ ގަދަ ބާރެއްގެ ގޮތުގައި ނުބެލުނު ނަމަވެސް އޭނާގެ ރައީސް ކަމުގެ ދަށުން މިކަން ބަދަލުކޮށް ޔޫރަޕް ފުޓުބޯޅައިގެ އެންމެ ބޮޑު ބާރަކަށް އެޓީމު ހަދާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ.
މިއަހަރުގެ ޖޫން މަހު ބާސާ އާއި އެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު މެސީ އިތުރަށް ބާސާގައި ބެހެއްޓުމާއި ބެހޭގޮތުން ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެމުން ލަޕޯރްޓާ ބުނީ، އޭނާއަށް މެސީގެ އިތުބާރު އޮންނާނެ ކަމަށާއި ލަޕޯރްޓާ ކޮށްދޭން ބުނި ކޮންމެ ކަމެއް މިހާތަނަށް މެސީއަށް ވާނީ ކޮށްދީފައި ކަމަށެވެ. އެހެންކަމުން މެސީގެ ޝަކުވާތައް އަޑު އަހާ އޭނާ ޓީމުގައި މަޑު ކުރުވަން ކުރެވެން ހުރި ކޮންމެ ކަމެއް ކުރާނެ ކަމަށާއި އެކަން އޭނާއަށް ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށްވެސް ލަޕޯރްޓާ ވަނީ ބުނެފައެވެ.
ބާސެލޯނާގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ޖުމްލަ 5 ކެންޑިޑޭޓަކު ވަނީ ވާދަކުރަން ނިންމާފައެވެ.
ވީއޭއާރަކީ އެހެން މީހުންނަށްވެސް ފެންނަގޮތަށް ނިންމާ ނިންމުމެއް! ދެން ކަލޭ އޭލިއަނުންނަށް ހަދިޔާ ފޮނުވައިގެން އެއީ ކަލޭގެ އެއްޗެއްކަމަށް ހަދާބަލަ!
2000ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ބަރްކަލޯނާ އަށްވުރެ ދުނިޔޭގަ ރެފްރީންގެ އެހީތެރިކަން ލިބުނު އެއްވެސް ޓީމެއްނެތް ކަން ކަށަވަރު.
ޗެލްސީ ފަކީރު އަތުން ފޭރިގަތް ހަނދާވޭ ހަމަ ދެންމެ ވީކަމެއް ހެން
ވޯޓައް ޖަހާމަޅި.
ރިއާލްގެ ނަން ނުގެނެސް ލަޕޯޓާއަށް އިންތިހާބު ކާމިޔާބު ކުރުމަކީ ނާދިރު ކަމެއް.. ރިއަލްގެ ނަން ކިޔުމުން ކެމްޕެއިން ކުރަންވެސް ފަސޭހަވާނެ..