ސްޕެނިޝް ލަލީގާގައި ސެލްޓާ ވިގޯ އަތުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް، ވަގުތީ ގޮތުން ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ދެވަނައިގައި އޮތް އެތްލެޓިކޯ އަށްވުރެ އިތުރަށް ތިން މެޗު ކުޅެ ރެއާލް ތާވަލުގެ އެއްވަނައިގައި އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގުންނެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗުން އެޓީމު މޮޅުވީ 0-2 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ސެލްޓާގެ ފަރާތުން ގިނަ ހަމަލާތަކެއް އުފައްދާ ރެއާލްގެ ގޯލަށް ނުރައްކާ ކުރިނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލް މެޑްރިޑުންނެވެ.

ސެލްޓާ އިން އުފެއްދި ހަމަލާއެއް ދިފާއުކޮށް ކައުންޓާ އެޓޭކެއްގައި ތަނަވަސްވި ފުރުސަތަކުން މާކޯ އެސެންސިއޯ ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފުރަތަމަ ހާފުގެ 6 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލޫކަސް ވަސްކުއޭޒް އެވެ.

ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ފެނިގެންދިޔަ މިލަނޑަށް ފަހުވެސް ދެޓީމުގެ ފަރާތުންވެސް ވަނީ ނުރައްކާތެރި ރަނގަޅު ހަމަލާތަކެއް އިދިކޮޅު ޓީމުގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން ރެއާލްގެ ޑިފެންޑަރު ޑެނީ ކާވަހާލް ފޮނުވާލި ބާރު "ވޮލީ" ހަމަލާ ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެސް މި ހަމަލާ ގޯލާއި އަމާޒުނުވެ ދަނޑި ކައިރިން ބޭރަށް ދިޔައިރު މިހާފުގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މެޗުގައި ރެއާލް އިން ލީޑު ފުޅާ ކުރީ ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައެވެ. މިލަނޑު ވަސްކުއޭޒް ދިން ތްރޫ ޕާހަކުން ތަނަވަސްވި ފުރުސަތެއްގައި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެން ކާމިޔާބު ކޮށްދިނީ އެސެންސިއޯ އެވެ.

މެޗުން މޮޅުވެ ރެއާލްއަށް ކުޅުނު ސަތާރަ މެޗުން 36 ޕޮއިންޓް ލިބި ތާވަލުގެ އެއްވަނަ ލިބޭއިރު ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ސާދަ މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. އެހެންނަމަވެސް މިރޭ ޑިޕޯޓިވޯ އަލަވޭސް އާއި ދެކޮޅަށް އެޓީމު ކުޅޭ މެޗުން މޮޅުވިޔަސް އަދި އެއްވަރު ވިޔަސް އަނެއްކާވެސް އެތްލެޓިކޯއަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބޭނެ އެވެ.