މި ފަހަކަށް އައިސް މޮޅު ކުޅުމެއް ދެއްކި ނަމަވެސް މިސީޒަންގައި ދަށް ނަތީޖާ ތަކެއް ނެރެމުން އަންނަ އާސެނަލް އިން ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ބްރޮމްވިޗް ބަލިކޮށް ޖެހިޖެހިގެން ތިން މޮޅު ހަމަކޮށްފިއެވެ.

ވެސްޓް ބްރަމްގެ "ދަ ހޯތޯންސް" ދަނޑުގައި ކުޅުނު މިމެޗުން އާސެނަލް މޮޅުވީ 0-4 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީ މެޗުގެ ފެށުން އެޓީމަށް ރަނގަޅު ކޮށްދިނީ ކިއެރަން ޓިއާނީ އެވެ. މިއީ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ރޮބް ހޯލްޑިންގް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.

އޭގެ 5 މިނެޓު ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ސްމިތް ރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކުރީ ބުކާޔޯ ސާކާ އެވެ. ރަނގަޅު ހަމަލާތަކެއް މި ދެލަނޑަށްފަހުވެސް އާސެނަލް އިން އުފެއްދި ނަމަވެސް މިހާފުގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

އާސެނަލް އާއި ވެސްޓް ބްރޮމް ބައްދަލު ކުރި މެޗުގެ ތެރެއިން

ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށި އާސެނަލް އިން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ މިހާފުގެ 15 ވަނަ މިނެޓުގައެވެ. މިއީ މިހާފުގައި އާސެނަލް ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެލެކްސަންޑްރާ ލަކަޒެޓް ކާމިޔާބު ކޮށްދިން ލަނޑެކެވެ. އާސެނަލްގެ ފަހު ލަނޑުވެސް ކާމިޔާބު ކުރީ ލަކަޒެޓް އެވެ. މިލަނޑު އޭނާ ކާމިޔާބު ކުރީ ތިންވަނަ ލަނޑު ކާމިޔާބު ކުރިތާ 4 މިނެޓު ފަހުން ޓިއާނީ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ.

މި ނަތީޖާ އާއިއެކު އާސެނަލް ވަނީ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ 11 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ކުޅުނު ސަތާރަ މެޗުން އެޓީމު ވަނީ 23 ޕޮއިންޓް ހޯދާފައެވެ. ތާވަލުގެ އެއްވަނައިގައި އެއް މެޗު މަދުން ކުޅެ އޮތީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްއެވެ. ދެވަނައިގައި މެންޗަސްޓަރ ޔުނައިޓެޑް އޮތީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މެޗުން ބަލިވި ވެސްޓް ބްރޮމް ތާވަލުގެ 19 ވަނައިގައި އޮތީ ކުޅުނު ސަތާރަ މެޗުން 8 ޕޮއިންޓާއި އެކުގައެވެ.