މެންޗަސްޓަރ ޔުނައިޓެޑުން މިސީޒަނުގައި ކުޅޭ ގިނަ މެޗުތަކުގައި އެންމެ ތަފާތު ކުޅުމެއް ދައްކާ އެއް ކުޅުންތެރިޔާ ކަމުގައިވާ ޕޯޗުގަލްގެ ބްރޫނޯ ފެރްނާންޑޭސް އާއިއެކުވެސް އެޓީމަށް ލީގުގެ ތަށި ހޯދުމަށް އުނދަގޫވާނޭ ކަމަށް އެޓީމުގެ ލެޖެންޑް މައިކަލް އޮވެން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ކުޅިވަރު ނޫހަކަށް ދިން އިންޓަވިއު އެއްގައި އޮވެން ބުނީ މިސީޒަނުގައި ޔުނައިޓެޑުން މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށާއި ލީގުގެ ގަދަ ބާރެއްގެ ގޮތުގައި އެޓީމު ހިމެނޭނެ ކަމަށެވެ. އެހެންނަމަވެސް ލީގުގެ ފޭވަރިޓުންގެ ގޮތުގައި މިހާރު ބެލެވޭ ލިވަޕޫލް އާއި މެންޗަސްޓަރ ސިޓީއާއި އެއް ހަމައެއްގައި ޔުނައިޓެޑަށް ފައިތިލަ ސާބިތު ކުރެވޭނެ ކަމާއިމެދު ޝައްކު ކުރެވޭ ކަމަށް އޮވެން ވަނީ ބުނެފައެވެ.

އޮވެން މިހެން ބުނެފައި ވާއިރު މިސީޒަނުގެ ކުރީކޮޅު ޔުނައިޓެޑުން ދަށް ނަތީޖާތަކެއް ނެރުނު ކަމުގައި ވީނަމަވެސް ފަހަކަށް އައިސް ކުޅުން ރަނގަޅުކޮށް މުހިންމު މެޗުތަކުން މޮޅުވެ މިހާތަނަށް އައި އިރު އެޓީމުން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްފައެވެ. އެޓީމުން ޖުމްލަ 16 މެޗެއް ކުޅެފައި ވާއިރު އޭގެތެރެއިން 10 މެޗުން ވަނީ މޮޅުވެފައެވެ.

މިހާތަނަށް ލީގުގައި 33 ލަނޑު އެޓީމުން ކާމިޔާބު ކޮށްފައިވާއިރު އޭގެ ތެރެއިން 11 ލަނޑު ކާމިޔާބު ކޮށްފައިވަނީ ފެރްނާންޑޭސް އެވެ. އަދި އިތުރު 7 ލަނޑު އެޓީމުން ކާމިޔާބު ކޮށްފައި ވަނީ އޭނާ ތަނަވަސްކޮށްދިން ފުރުސަތުންނެވެ.

އޮވެން އިތުރަށް ބުނިގޮތުގައި ޕޮއިންޓްގެ ގޮތުން އެއްވަރުވި ކަމުގައި ވީނަމަވެސް ޔުނައިޓެޑަކީ ލިވަޕޫލް އާއި އެއް ލެވެލް އެއްގެ ޓީމެކޭ ބުނަން ދަތި ކަމަށާއި މިސީޒަނުގައި ޔުނައިޓެޑް ފެނިގެންދަނީ ކައުންޓަރ އެޓޭކުން އުފައްދާ ފުރުސަތު ތަކުގައި ލަނޑުތަކެއް ކާމިޔާބު ކޮށްގެން މެޗު ތަކުން މޮޅުވާ ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ޕާސިންގް ގޭމެއް ކުޅޭ ޓީމްތަކާއި ދެކޮޅަށް ކުޅޭ އިރު އެކަމުގެ އުނދަގޫ ޔުނައިޓެޑް ޓީމަށް ވަރަށް ބޮޑަށް ކުރާކަމަށްވެސް އޭނާ ބުންޏޭވެ. އަދި ވުލްވްސް އާއި ދެކޮޅަށް ކުޅެ 0-1 އިން މޮޅުވި މެޗުގައި ޔުނައިޓެޑް އަށް މި މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވިތަން ފެނިގެން ގޮސްފައިވާ ކަމަށްވެސް އޮވެން ވަނީ ބުނެފައެވެ.

ޔުނައިޓެޑަށް ކުރިއަށް ދެން އޮތީ މުހިންމު ދެ މެޗެކެވެ. އެގޮތުން މި މަހުގެ 7 ވަނަ ދުވަހު މެންޗަސްޓަރ ސިޓީ އާއި ދެކޮޅަށް އިނގިރޭސި ލީގް ކަޕުގެ ސެމީ ފައިނަލް މެޗުގައި އެޓީމު ނުކުންނައިރު މިމަހުގެ 10 ވަނަ ދުވަހު ވަޓްފޯޑާއި ދެކޮޅަށް ޔުނައިޓެޑް ނުކުންނާނީ އެފްއޭ ކަޕުގެ މެޗެއްގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު ޒަކީ

    އޮވެންއަށް ލިބުނު ހަމައެކަނި ލީގުގެ ތަށި ލިބުނީ ޔުނައިޓެޑްގައި. ކޮސްނުގޮވާ. މި ކޮމެންޓް އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައި އެޮވެންއަށް ފޮނުވަދެއްޗޭ.

    13
    5