ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ އިނގިރޭސި ޤައުމީ ޓީމުގެ ފޯވާޑް އަދި ކެޕްޓަން ހެރީ ކޭން ހޯދުމަށް 90 މިލިއަން ޕައުންޑްގެ ބިޑެއް ހުށައަޅަން ވާދަވެރި މެންޗެސްޓަރ ސިޓީން މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އަންނަ ހޫނު މޫސުމުގައި މި ބިޑުކުރަން ސިޓީން ތައްޔާރުވަމުން އަންނައިރު ، ރިޕޯޓުތައް ބުނާގޮތުން ސިޓީން މި ބިޑު ކުރަނީ އެ ޓީމަށް ގިނަ އަހަރުތަކެއްް ވަންދެން ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ސާޖިއޯ އަގުއެރޯގެ ބަދަލުގައެވެ. ސިޓީގެ ބޯޑުން ނިންމާފައިވަނީ އަގުއެރޯ ގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ވީ އެންމެ އަވަހަކަށް ގެނައުމަށް ކަމަށްވެސ ރިޕޯޓުތައް ބުނެއެވެ.

ހެރީ ކޭން އަކީ ޓޮޓެންހަމްގައި ފާޙަގަކޮށްލެވޭ މޮޅު ކުޅުމެއް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އަދި ޕްރިމިއަރ ލީގުގައި ވެސް ފާހަގަކޮށްލެވޭ ފޯވާޑެކެވެ. އޭނ ވަނީ ޕްރިމިއަރ ލީގުގައި މިހާތަނަށް ހޭދަކުރި ހަ ސީޒަނުގެ ތެރެއިން ދެ ސީޒަނެެއްގެ ގޯލްޑަން ބޫޓު އެވޯޑުވެސް ހޯދާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސިޓީން ދަނީ ޓޮޓެންހަމްގެ ދެކުނު ކޮރެއާ ފޯވާޑް ސޮން އަށް ބިޑުކުރުމަށް ވެސް ތައްޔާރުވަމުންނެވެ. މި ދެ ކުޅުންތެރިންނަކީ ޓޮޓެންހަމްގެ ހަމަލާތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ ކުޅުންތެރިންނެވެ.

ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކޭން ވަނީ އެންމެފަހުން އެ ޓީމު ކުޅުނު 15 މެޗުގައި ނުވަ ގޯލު ޖަހާފައެވެ. އަދި 10 ފަހަރު އެސިސްޓް ނުވަތަ ގޯލު ޖެހުމަށް އެހީތެރިވިއެވެ. ގޯލުޖެހުމުގެ އިތުރަށް ކޭން އަކީ ޓީމާއެކު ރަނގަޅު ގުޅުމެއް އުފައްދާ ކުޅުންތެރިއެކެވެ. އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަމަވެސް ކޭންއަށް އަދި އެ ކުލަބުގައި ބޮޑު ކާމިޔާބީއެއް ނުލިބެއެވެ. އެހެންކަމުން ބެލެވޭގޮތުގައި ކޭން ސިޓީއަށް ބަދަލުވުން ގާތެވެ. އެއީ މީގެކުރިންވެސް އޭނާ ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ. މީގެކުރިން މީޑިއާތަކުގައި ވާހަކަދައްކަމުން ކޭން ބުނީ ޓޮޓެންހަމްގައި ކާމިޔާބީ ނުހޯދޭ ނަމަ އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށެވެ.

މެންޗެސްޓަރ ސިޓީއާއެކު އަގުއެރޯ ވަނީ މިހާތަނަށް 378 މެޗު ކުޅެ، 256 ގޯލު ޖަހާފައެވެ. ނަމަވެސް ފަހުން އައިސް އަނިޔާގެ މައްސަލަ ބޮޑުގެ ސިޓީގެ މުހިއްމު މެޗުތަކުގައި އަގުއެރޯގެ ބޭނުން އެއްގޮތަކަށް ވެސް ނުހިފެއެވެ. މި ސީޒަނުގައި އަގުއެރޯ ފެނިގެންގޮސްފައި ވަނީ ސިޓީ ކުޅުނު ދެ މެޗުންކަން ފާހަގަކޮށްލެވެއެވެ.