ސްޕެނިޝް ލަލީގާގައި ލީގުގެ ގަދަ ބާރު ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ކުޅުނު 500 ވަނަ މެޗުން އެޓީމަށް ހަނި މޮޅެއް ލިބިއްޖެއެވެ.

ހުއެސްކާ އާއި ދެކޮޅަށް އެޓީމުގެ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ 0-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗާއި އެކު މެސީ ލަލީގާގައި ޖުމްލަ 500 މެޗު ކުޅެފައި ވާއިރު މިއީ އޭނާ ބާސާއަށް ހުރިހާ މުބާރާތަކުން އެއްކޮށް ކުޅެދިން 750 ވަނަ މެޗެވެ. ބާސާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑް މިވަގުތު އޮތީ އެޓީމުގެ ލެޖެންޑް ޒަވީގެ އަތުގައެވެ. ބާސާގެ ޖާޒީގައި ޒަވީ ވަނީ ޖުމްލަ 767 މެޗު ކުޅެދީފައެވެ. އަދި ލަލީގާގައި ޒަވީ ވަނީ 505 މެޗު ކުޅެދީފައެވެ.

އެހެންކަމުން ލަލީގާގައި ބާސާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑާއި މެސީ އަރާ ހަމަކުރަން އަދި ފަސް މެޗު ބޭނުންވާއިރު ހުރިހާ މުބާރާތްތަކަކުން ބާސާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑާއި އަރާ ހަމަކުރަން މެސީއަށް އަދި 17 މެޗު ބޭނުންވެއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބާސާގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު ފްރޭންކީ ޑި ޖޯންގް އެވެ. މިއީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.

މެޗުގައި ބާސާއަށް ލަނޑު ކާމިޔާބު ކޮށްދިނުމަށް ފަހު ޑީ ޖޮންގް އުފާ ފާޅުކުރަނީ

މެޗުން މޮޅުވެ ބާސާ ވަނީ ލީގުގެ ޕޮއިންޓް ތާވަލުގެ ގަދަ ފަހަކުން ޖާގައެއް ހޯދާފައެވެ.

މީގެއިތުރުން މިސީޒަނުގައި ސްޕެނިޝް ލަލީގާގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެތްލެޓިކޯ މެޑްރިޑުވެސް ވަނީ ރޭ ޑިޕޯޓިވޯ އަލާވޭސް އަތުން މޮޅު ވެފައެވެ.

އަލާވޭސްގެ ދަނޑުގައި ކުޅުނު މިމެޗު 1-2 އިން ކާމިޔާބުކޮށް އެތްލެޓިކޯއިން ވަނީ ތާވަލުގެ އެއްވަނަ މަގާމަށް އަލުން ޖެހިލާފައެވެ.

އެތްލެޓިކޯ މެޑްރިޑާއި ޑިޕޯޓިވޯ އަލާވޭސް ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގައި ފުރަތަމަ ލަނޑު ޖަހާ އެތްލެޓިކޯ އިން ލީޑު ނެގީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން 4 މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގައި އެތްލެޓިކޯ އިން އެންމެ ތަފާތު ކުޅުމެއް ދެއްކި ލުއިސް ޝުއަރޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާކޮސް ލޮރެންޓޭ އެވެ.

އެހެންނަމަވެސް ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި އެތްލެޓިކޯގެ ފެލިޕޭ އަތުން ބައިކޮޅަށް ވަތް ލަނޑަކުން ޑިޕޯޓިވޯ އަލާވޭސް އަށް ނަތީޖާ ހަމަހަމަ ކުރެވުނެވެ. ދެވަނަ ފަހަރަށް އެތްލެޓިކޯ އަށް ލީޑު ނަގައިދީ މެޗުން މޮޅު ކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ ޝުއަރޭޒް އެވެ.

މިނަތީޖާ ތަކާއި އެކު އެތްލެޓިކޯ އިން ތާވަލުގެ އެއްވަނައިގައި އޮތީ ފަނަރަ މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ބާސާއަށް ތާވަލުގެ ފަސްވަނަ ލިބެނީ ސޯޅަ މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ ކުޅުނު 17 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ.