މި ސީޒަނުގައި ޕްރިމިއަރ ލީގުގެ ތައްޓަށް އަމާޒު ހިފައިގެން ނުކުތް ޗެލްސީ ބަލިކޮށް ސިޓީ އިން އެޓީމު ހަމަ ބިމަށް ތިރި ކޮށްފިއެވެ.

ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން މިސީޒަނާއި ކުރިމަތިލި ޗެލްސީ އިން މިސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ގަދަބަސް ބުނަމުން ދިޔަ ނަމަވެސް އެންމެ ފަހުން އެޓީމު ކުޅުނު ތިން މެޗުންވެސް މޮޅުވެވިފައެއް ނުވެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު ސިޓީއިން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ސިޓީއިން ކާމިޔާބު ކުރި ތިން ލަނޑުވެސް ކާމިޔާބު ކޮށްފައި ވަނީ ފުރަތަމަ ހާފުގައެވެ.

އެގޮތުން ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީ ލީޑު ނަގައިދިނީ ގުންޑަގަން އެވެ. އޭގެ ތިން މިނެޓުފަހުން އެޓީމަށް ލީޑު ފުޅާ ކޮށްދިން ލަނޑު ޑި ބްރުއިނޭ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކޮށްދިނީ ފިލް ފޯޑެން އެވެ. އަދި ސިޓީގެ ފަހު ލަނޑު މިހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެވިން ޑި ބްރުއިނޭ އެވެ.

ޗެލްސީގެ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވ ދެއްކި އިތުރު ވަގުތުގެ 2 ވަނަ މިނެޓުގައި ކައި ހަވާޓްސް ދިން ޕާހަކުން ކާމިޔާބު ކޮށްދިނީ ހަޑްސަން އޮޑޯއި އެވެ.

މި ނަތީޖާއާއިއެކު ކުޅުނު ފަނަރަ މެޗުން 29 ޕޮއިންޓް ހޯދައިގެން ސިޓީ އޮތީ ޕޮއިންޓް ތާވަލުގެ 5 ވަނައިގައެވެ. ޗެލްސީ ކުޅުނު ސަތާރަ މެޗުން 26 ޕޮއިންޓް ހޯދައިގެން ލިބެނީ 8 ވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އައްފާން

  ޗެލްސީ ކުރިން އޮތީ ހަމަ ބިމުން މަތީގަތަ؟

  10
 2. ނަފީލު

  އެންމެ މޮޅު ކެޔޮޅުންއަތުންވެސް ދޯނިފަހަރު ފަރަށް އަރައެވެ. އެ މެޗްގައި ޗެލްސީ ބަލިވުމަކީ އެފަދަ ކަމެކެވެ.

  7
  4