ފުޓުބޯޅައިގެ ދުނިޔޭގައި އެފަދަ ދެވަނަ އެއް ނެތް ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި ހިމެނޭ ބްރެޒިލްގެ ލެޖެންޑް ޕެލޭގެ އޯލް ޓައިމް ގޯލް ސްކޯރިންގް ރެކޯޑް، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި މެޗުގައި އުޑެނީސް އަތުން ޔުވެންޓަސް ފަސޭހަ ކަމާއި އެކު މޮޅު ވެއްޖެއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗުގައި 1-4 އިން ޔުވެންޓަސް މޮޅުވި އިރު ޕެލޭގެ ރެކޯޑް ރޮނާލްޑޯ މުގުރާލީ މެޗުގައި ދެލަނޑު ކާމިޔާބުކޮށް، ކެރިއަރުގައި ރޮނާލްޑޯ ވަނީ ޖުމްލަ 758 އޮފިޝަލް ލަނޑު ކާމިޔާބު ކޮށްފައެވެ. ފުޓުބޯޅައިގެ ލެޖެންޑް ޕެލޭގެ އޮފިޝަލް ގޯލްގެ ޖުމްލަ އަދަދަކީ 757 ލަނޑެވެ.

މެޗުގައި މޮޅު ކުޅުމެއް ދެއްކި ރޮނާލްޑޯ މެޗުގައި ދެލަނޑު ކާމިޔާބު ކޮށްފައި ވާއިރު އިތުރު ލަނޑެއް ކާމިޔާބު ކުރުމަށް އޭނާ އެސިސްޓް ވެސް ކޮށްދީފައި ވެއެވެ. ޔުވެންޓަސްގެ ފުރަތަމަ ލަނޑު ރެމްސީ ތަނަވަސްކޮށްދިން ފުރުސަތަކުން ރޮނާލްޑޯ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައެވެ.

ޔުވެންޓަސްގެ ލީޑު ފުޅާ ކޮށްދިން ލަނޑު ދެވަނަ ހާފު ފެށިގެން 4 ވަނަ މިނެޓުގައި ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ފެޑެރިކޯ ޗިއެސާ ކާމިޔާބު ކުރި އިރު އެޓީމުގެ ތިންވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރީ މެޗުގެ 70 ވަނަ މިނެޓުގައެވެ.

އުޑެނީސްގެ ހަމަ އެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައި ޒީގެލާ ކާމިޔާބު ކޮށްދިން އިރު ޔުވެންޓަސްގެ ފަހު ލަނޑު އިތުރު ވަގުތުގެ 3 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕައުލޯ ޑީބާލާ އެވެ.

މި ނަތީޖާ އާއިއެކު ކުޅުނު 14 މެޗުން 27 ޕޮއިންޓް ހޯދައިގެން ޔުވެންޓަސް އޮތީ ތާވަލުގެ 5 ވަނައިގައެވެ. އުޑެނީސް އޮތީ ކުޅުނު 14 މެޗުން 15 ޕޮއިންޓް ހޯދައިގެން ތާވަލުގެ 13 ވަނައިގައެވެ، ތާވަލުގެ އެއްވަނައިގައި ޔުވެންޓަސް އަށްވުރެ 10 ޕޮއިންޓް އިތުރަށް ހޯދައިގެން އޮތީ އޭސީ މިލާން އެވެ.