އިޓާލިއަން ލީގުގައި މިހަފްތާގެ ބުދަ ދުވަހު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި މިސީޒަނުގައި ތާވަލުގެ އެއްވަނައިގައި އަދި އޮތް އޭސީ މިލާން ބައްދަލު ކުރާ މެޗުގައި ޔުވެންޓަސްގެ އިތުބާރު ފޯވާޑް އަލްވާރޯ މޮރާޓާއަށް ނުކުޅެވޭނެ ކަމަށް އެޓީމުގެ ކޯޗް ޕިރްލޯ ބުނެފިއެވެ.

އަނިޔާގެ ސަބަބުން އެންމެ ފަހުން ޔުވެންޓަސް ލީގުގައި އުޑެނީސް އަތުން 1-4 އިން މޮޅުވި މެޗުގައިވެސް މޮރާޓާ ކުޅެފައި ނުވާއިރު އޭނާއަށް މިމެޗުތައް ގެއްލެނީ އުޑެނީސް މެޗުގެ ކުރިން ކުރި ފަރިތަކުރުން ތަކުގައި އޭނާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އަކާއި ގުޅިގެންނެވެ.

އޭސީ މިލާން އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ޕިރްލޯ ބުނީ އުޑެނީސް މެޗުގެ ކުރިންކުރި ފަރިތަކުރުން ތަކުގައި މޮރާޓާ އަށް އަނިޔާވެފައިވާ ކަމަށާއި ކުރިއަށް ހުރި ދުވަސްތަކުގައި އޭނާއަށް ހާއްސަ ފަރުވާތަކެއް ދޭން ރާވާފައިވާ ކަމަށާއި އެހެންނަމަވެސް މިލާން މެޗުގައި ގާތީ މޮރާޓާ އަށް ނުކުޅެވުން ކަމަށެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އިން ދަނީ މޮރާޓާ އަށް އަރާމު ކުރުމަށް ވަގުތު ދިނުމުގެ ގޮތުން އެޓީމުގެ ޑިބާލާގެ ބަދަލުގައި އިތުރު ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޔުވެންޓަސް އަށް ގެނައުން އެންމެ ގާތީ ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮލިވަރ ޖިރޫޑް ކަމަށްވެސް ރިޕޯޓް ތަކުން ބުނެއެވެ.

މިދެޓީމު ކުރިމަތިލާއިރު މިވަގުތު ޕޮއިންޓް ތާވަލްގައި ވާގޮތުން އޭސީ މިލާން އޮތީ ތާވަލުގެ އެއްވަނައިގައެވެ. ޔުވެންޓަސް އަށް ތާވަލުގެ ފަސް ވަނަ ލިބެނީ ކުޅުނު 14 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ.