ދިރާގު ދިވެހި ޕްރިިމިއަރ ލީގުގައި ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ކުރިމަތިލުން އެއްވަރުވެގެން ނިމުނު އިރު ވެލެންސިއާ އިން އީގަލްސް ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ޓީސީ އާއި ޔޫވީ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ދެ ޓީމަށްވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ހަމަހަމަ ކުޅުމަކަށްފަހު ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނ ހާފު ވަރުގަދަކޮށް ފަށާ މެޗުގެ ކޮންޓްރޯލް ނެގީ ޔޫވީ އިންނެވެ.

އެގޮތުން ރަނގަޅު ހަމަލާތަކެއް އުފައްދަމުންދިޔަ ޔޫވީއިން މެޗުގައި ލީޑު ނެގީ މެޗުގެ 59 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު މަރަޓް އަދްޒިނިޔަޒޯފެވެ.

ޔޫވީގެ ލަނޑާއި އެކު ޓީސީއިން ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އެގޮތުން މެޗުގެ 83 ވަނަ މިނެޓުގައި ޓީސީގެ ފޯވާޑް މެލްކޮމް ކޮނޭލިއަސް ސްޓެވާޓަށް ވަނީ ނަތީޖާ އެއްވަރުކުރުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ޓީސީއިން ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 7 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު މުޙައްމަދު އަޖުފާނެވެ. މިއީ އިބްރާހިމް އަބްދުލް ވާހިދު (ވާޑު) ފޮނުވާލި ހިލޭ ޖެހުމެއްގެ ބޭނުން ހިފައިގެން އަޖުފާން ކާމިޔާބުކުރި ލަނޑެކެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީސީގެ އަޖުފާން އެވެ.

ޓީސީއާއި ޔޫވީ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ -- ފޮޓޯ: އެފްއޭއެމް

މީގެ އިތުރުން ލީގުގައި އިއްޔެ ހަވީރު ވެލެންސިއާ ވަނީ އީގަލްސް 0-2 ގެ ނަތީޖާއަކުން ބަލިކޮށް ތާވަލުގެ އެއްވަނަ މަގާމު ހޯދާފައެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު އީގަލްސް އިން މޮޅު ކުޅުމެއް ދައްކާ މޮޅަށް ކުޅުނު ނަމަވެސް މެޗުގެ 17 ވަނަ މިނެޓުގައި އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ލިބުނު ޕެނަލްޓީ އަކުން ލަނޑެއް ކާމިޔާބު ކޮށްދީ މެޗުގައި ވެލެންސިއާ އަށް ލީޑު ނަގާދީފައެވެ. މިއީ އޭރިއާ ތެރެއިން ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

ލަނޑަށްފަހުވެސް މިހާފުގައި ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލެވިފައެއް ނުވެއެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ އަދި 41 ވަނަ މިނެޓުގައި ގޯލްކީޕަރު ކައިރިން ނައްޓާލުމަށްފަހު ސެންޓޭ ފޮނުވާލި ހަމަލާއެއް އީގަލްސްގެ ޑިފެންޑަރު އަޙްމަދު ނޫމާން (ހެލްމެޓް) ވަނީ ދިފާއުކޮށްފައެވެ.

މިމެޗުގައި އީގަލްސްގެ އެޓޭކްތައް ހީނަރުވީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެ ޓީމުގެ ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ) އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ.

މެޗުގައި ވެލެންސިއާ އިން ލީޑު ފުޅާކުރި ލަނޑަކީވެސް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެވެ. އޭރިއާ ތެރެއިން ދަގަނޑޭއަށް އީގަލްސްގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ލިބުނު މިޕެނަލްޓީ އިން ވެލެންސިއާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ސެންޓޭ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދަގަނޑޭ އެވެ.

ވެލެންސިއާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ -- ފޮޓޯ: އެފްއޭއެމް

ޓީސީ އާއި ޔޫވީ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޓީސީ އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ. އަދި މިހާތަނަށް ލީގުގައި މެޗަކުން މޮޅުވެފައިނުވާ ޔޫވީ އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ހަތަރު މެޗުން ދެ ޕޮއިންޓާއެކުއެވެ. ވެލެންސިއާ ތާވަލުގެ އެއްވަނައަށް ޖެހިލީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. އަދި މިހާތަނަށް ލީގުގައި މެޗަކުން މޮޅުވެފައިނުވާ އީގަލްސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ހަތަރު މެޗުން އެންމެ ޕޮއިންޓަކާއެކުއެވެ.