އިނގިރޭސި ޕްރިމިއަރ ލީގުގައި ތާވަލުގެ ހަވަނައިގައި އޮތް ސައުތެމްޕްޓަން އިން އެންމެ ފަހުގެ ޗެމްޕިއަން އަދި މިސީޒަނުގައިވެސް ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލް ބަލިކޮށްފިއެވެ.

ސައުތެމްޕްޓަންގެ ދަނޑުގައި ކުޅުނު މިމެޗުން އެޓީމު މޮޅުވީ 0-1 ގެ ހަނި ނަތީޖާ އަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސައުތެމްޕްޓަން އަށް ކާމިޔާބުކޮށްދީ އެޓީމް މެޗުން މޮޅުކޮށްދިނީ ޑެނީ އިންގްސް އެވެ. މިއީ މެޗުގެ 2 ވަނަ މިނެޓުގެ ތެރޭގައި އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.

މެޗާއި ލިވަޕޫލް އިން ކުރިމަތިލީ އަނިޔާގައި ހުރި އެޓީމުގެ އުންމީދީ މިޑްފީލްޑަރ ތިއާގޯ އަލަކަންޓްރާ އެނބުރި އައުމުން ނުހަނު އިތުބާރު ބޮޑުކޮށެވެ. އެހެންނަމަވެސް ލިވަޕޫލް ކޮޅަށް ވަތް ލަނޑުގައި އޭނާއަށް ހެދުނު ގޯހެއްގެ ނަތީޖާއެވެ. ސައުތެމްޕްޓަނުން މެޗުގައި ލަނޑު ޖެހީ އެޓީމުގެ ސްޓުއާޓް އާމްސްޓްރޯމްގް އަށް ތިއާގޯ ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން ތަނަވަސްވި ފުރުސަތެއްގައެވެ.

ލަނޑަށް ފަހު ލިވަޕޫލް އިން ކުޅުން ވަރުގަދަކޮށް ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް ދެންވެސް އެންމެ ނުރައްކާތެރި ހަމަލާއެއް އުފައްދާފައި ވަނީ ސައުތެމްޕްޓަނުންނެވެ.

މިއީ މިސީޒަނުގައި ލިވަޕޫލް ޕްރިމިއަރ ލީގުގައި ބަލިވި ދެވަނަ މެޗެވެ. އަދިި މެޗާއި ކުރިމަތިލި އިރު ޕޮއިންޓްގެ ގޮތުން ދެވަނައިގައި އޮތް މެންޗަސްޓަރ ޔުނައިޓެޑާއި އެއްވަރުވެފައި އޮތްނަމަވެސް ލިވަޕޫލް އަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެހެންކަމުން މިމަހުގެ 13 ވަނަ ދުވަހު ޔުނައިޓެޑުން ބާންލީ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ކަމުގައި ވާނަމަ އެޓީމަށް ތާވަލުގެ އެއްވަނަ ލިބޭނެއެވެ.

އެއަށްފަހުގައި މިމަހުގެ 17 ވަނަ ދުވަހު ތާވަލުގެ އެއްވަނަ މަގާމަށް ވާދަކުރުމަށް ލިވަޕޫލް އާއި ޔުނައިޓެޑް ނުކުންނާނެ އެވެ. މިމެޗު ކުޅޭނީ ލިވަޕޫލްގެ އެންފީލްޑް ދަނޑުގައެވެ.

ރޭގެ މޮޅާއިއެކު ސައުތުހެމްޓަން އޮތީ ލީގްގެ ހަވަނައިގައެވެ.