ޔުވެންޓަސް އަށް ކުޅެމުން އަންނަ އެޓީމުގެ އިތުބާރު ބްރެޒިލް ޑިފެންޑަރު އެލެކްސް ސަންޑްރޯ ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

މިކަމާއި ގުޅިގެން ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަންޑްރޯގެ ފަރާތުން ކޮވިޑްގެ ލުއި އަލާމާތްތަކެއް ފެންނަން ފެށުމުން އޭނާ ކޮވިޑަށް ޓެސްޓު ކުރިކަމަށާއި އޭނާގެ ނަތީޖާ ފައްސިވެފައި ވާކަމަށެވެ. މިއާއެކު އޭނާ ވަގުތުން އެކަހެރި ކުރެވިފައި ވާކަމަށާއި ސިއްހީ އިދާރާ ތަކާއި ގުޅިގެން ކުރަން ހުރި ކަންތައްތައް ކުރަމުންދާ ކަމަށެވެ. އަދި ޓީމުގެ ފަރިތަކުރުންތަކާއި އެހެނިހެން ބައްދަލުވުންތައް ބާއްވާނީ ސިއްހީ މާހިރުންގެ ލަފާގެ މަތިން ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

ސަންޑްރޯ ކޮވިޑަށް ފައްސިވެފައި ވާއިރު އާދީއްތަ ދުވަހު ޔުވެންޓަސްއިން އުޑެނީސް އާއި ދެކޮޅަށް ކުޅެ 1-4 އިން މޮޅުވި މެޗުގެ 83 މިނެޓު އޭނާ ކުޅެފައި ވެއެވެ.

މިހާތަނަށް މިސީޒަނުގައި އިޓާލިއަން ލީގުގައި އޭނާ 7 މެޗު ޔުވެންޓަސް އަށް ކުޅެދީފައި ވާއިރު ޗެމްޕިއަންސް ލީގުގައި ވެސް އޭނާ ވަނީ އެޓީމަށް 3 މެޗު ކުޅެދީފައެވެ. އަދި ކުރިއަށް އޮތް އޭސީ މިލާނާއި ދެކޮޅަށް ޔުވެންޓަސް އިން ނުކުންނައިރު އެޓީމުގެ ފޯވާޑް އަލްވާރޯ މޮރާޓާއަށް އަނިޔާވެފައި ވުމާއި އެކު ސަންޑްރޯވެސް ޓީމުގައި ނެތުން ވެގެންދާނީ އެޓީމުގެ ކޯޗް ޕިރްލޯއަށް އިތުރު ވިސްނުމަކަށް ދާންޖެހޭނެ ކަމަކަށް ވެގެންދާނެއެވެ.

އޭސީ މިލާނާއި ދެކޮޅަށް ޔުވެންޓަސް ނުކުންނާނީ މިހަފްތާގެ ބުދަދުވަހުގެ ދަންވަރުއެވެ. މިވަގުތު އިޓާލިއަން ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ބޮޑު ފަރަގަކުން އޭސީ މިލާން އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި ޔުވެންޓަސް އަށް ލިބެނީ ތާވަލުގެ ފަސްވަނައެވެ.