އިންގްލިޝް ފުޓްބޯލް ލީގް ކަޕްގެ ސެމީ ފައިނަލުގައި ބްރެންޓްފޯޑް ބަލިކޮށް ޓޮޓެންހަމް އިން މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.

ކަރަބާއޯ ކަޕްގެ ނަމުން މިހާރު ނަންދެވިފައިވާ މިމުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ޓޮޓެންހަމް ހޯދީ ރޭ އެޓީމުގެ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑްގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ.

މެޗުގައި ބްރެންޓްފޯޑްގެ ފަރާތުންވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މެޗުގެ ވަރަށް ކުރީކޮޅު ޓޮޓެންހަމް އިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ސާޖިއޯ ރެގިއުލޯން ތަނަވަސް ކޮށްދިން ފުރުސަތަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މޫސާ ސިސޯކޯ އެވެ.

ލަނޑަށްފަހު ދެޓީމުގެ ފަރާތުންވެސް އެޓޭކިންގް މޮޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް މިހާފުގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފުގައި އިތުރަށް ކުޅުން ރަނގަޅުކޮށް ބްރެންޓްފޯޑުގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ވަނީ އުފައްދާފައެވެ. އެގޮތުން އެޓީމުގެ އިވާން ޓޮނޭ ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލްގެ ތެރެއަށްވެސް ވަދެފައެވެ. އެހެންނަމަވެސް ދެވަނަ ހާފުގެ 18 ވަނަ މިނެޓުގައި އޭނާ ބޯޅަ ފޮނުވާލިއިރު އޮފްސައިޑްގައި ހުރިކަމަށް ބަލާ ރެފްރީ ވަނީ ގޯލް ބަލައި ނުގަންނަން ނިންމާފައެވެ.

އޭގެ ހަތް މިނެޓުފަހުން ޓޮޓެންހަމް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްފައެވެ. މިލަނޑު މެޗުގެ 70 ވަނަ މިނެޓުގައި އެންޑޮމްބެލޭގެ އެހީތެރިކަމާއި އެކު ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮރެއާ ތަރި ހިޔުންގް ސޮން މިން އެވެ.

މެޗުން މޮޅުވެ ޓޮޓެންހަމް އިން ފައިނަލަށް ދަތުރުކުރި އިރު އެޓީމުން ފައިނަލުގައި ބައްދަލުކުރާނެ ޓީމެއް ކަނޑައެޅުމަށް ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗު ކުޅޭނީ މިރޭ 00:45 ގައެވެ. މިރޭގެ މެޗުގައި ބައްދަލު ކުރާނީ އިނގިރޭސި ފުޓުބޯޅައިގެ ގަދަ ދެބާރު ކަމުގައިވާ މެންޗަސްޓަރ ޔުނައިޓެޑާއި މެންޗަސްޓަރ ސިޓީއެވެ.