އަންހެނުންގެ ފުޓުބޯޅައިގައި އެންމެ މަޝްހޫރު އެއް ތަރި ކަމުގައިވާ އެމެރިކާގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކެޕްޓަނެއް ކަމުގައިވާ އެލެކްސް މޯގަން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިކަން ހާމަކޮށް މޯގަންގެ ރަސްމީ ޓުވިޓާ އެކައުންޓުން ވަނީ ޓުވީޓެއް ކޮށްފައެވެ. މޯގަންގެ ޓުވީޓުގައި ބުނެފައިވަނީ 2020 ވަނަ އަހަރު ނިންމާލަން ޖެހުނީ ޗުއްޓީ ހޭދަކުރުމަށް ކެލިފޯނިއާގައި ހުއްޓާ ކޮވިޑުގެ ޝިކާރަ އަކަށްވި ކަމުގެ ހިތާމަވެރި ހަބަރާއި އެކުގައި ކަމަށެވެ.

އެހެންނަމަވެސް އޭނާގެ ސިއްހީ ހާލު ގޯސްނޫން ކަމަށާއި އޭނާގެ ފަރާތުން ފެންނަނީ ކޮވިޑުގެ ލުއި އަލާމާތް ތަކެއްކަމަށް މޯގަން ވަނީ ބުނެފައެވެ. އަދި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެކަހެރިވެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަމުންދާ ކަމަށާއި، ފަރުވާ ހޯދަމުންދާ ކަމަށާއި ރިކަވާ ވަމުން އަންނަކަން އޭނާ ވަނީ ހާމަކޮށްފައެވެ.

އަދި ޓުވީޓް ނިންމާލަމުން މޯގަން ބުނެފައިވަނީ ގައުމީ ޓީމުގެ ފަރިތަކުރުން ތަކުގައި ވަރަށް އަވަހަށް ބައިވެރިވާން ބޭނުންކަމަށާއި އެހެންނަމަވެސް ޓީމާއި އަލުން ގުޅޭނީ ބަލިން އެއްކޮށް ރަނގަޅުވެ ސިއްހީ މާހިރުންގެ ހުއްދަ ލިބުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ހުރިހާ ސަޕޯޓަރުންނަށްވެސް ރައްކާތެރިކަމަށް އެދޭ ކަމަށާއި އާ އަހަރުގެ ތަހުނިޔާ ވެސް އޭނާ ވަނީ ރައްދުކޮށްފައެވެ.

މޯގަން އެމެރިކާގެ ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށި 2010 ވަނަ އަހަރުގައެވެ. އަދި އެމެރިކާގެ ކާމިޔާބު އެތައް ކުލަބަކަށް ކުޅުމަށްފަހު މިހާރު އޭނާ ހުރީ އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ހޮޓްސްޕަރ އާއިއެކު އެއްބަސްވުމެއްގައި އެވެ.

ކިޔުންތެރިންގެ ހިޔާލު