މިހަފްތާގެ ހޯމަ ދުވަހު ޓީމުގެ ދެ އޮފިޝަލަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން ފަރިތަކުރުން މެދުކަނޑާލުމަށްފަހު ސްޕެނިޝް ލީގުގެ ގަދަބާރު ބާސެލޯނާއިން ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ފަރިތަކުރުންތަށް ފަށައިފިއެވެ.

ހޯމަ ދުވަހު ދެ އޮފިޝަލަކު ފައްސިވުމާއި ގުޅިގެން ޖެހިގެން އައި ދުވަހު އެޓީމުގެ އެންމެހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑަށް ސުންކު ނަގާފައެވެ. އަދި ހުރިހާ ކުޅުންތެރިން އަދި އޮފިޝަލުންގެވެސް ނަތީޖާ މިހާރު ލިބިފައި ވާއިރު ހުރިހާ ސުންކެއްވެސް ނައްސިވެފައި ވާކަން އެކުލަބުން ވަނީ ހާމަކޮށްފައެވެ.

ސްޕެނިޝް ލަލީގާގައި މިރޭ 01:00 ގައި ބާސާއިން ލީގުގެ ޕޮއިންޓް ތާވަލުގެ ނުވަވަނައިގައި އޮތް އެތްލެޓިކް ކްލަބާއި ދެކޮޅަށް ނުކުންނައިރު އެންމެ ދުވަހެއްގެ ފަރިތަކުރުންވެސް ކެންސަލް ކުރެވިފައިވުމުން އެޓީމަށް އޭގެ އަސަރުކުރާނެ ކަން ބާސާއިން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ޓީމު އޮތީ ވާދަވެރި ކުޅުމެއް ދައްކާ މެޗުން މޮޅުވުމަށް ތައްޔާރަށް ކަމަށްވެސް ޓީމުގެ ފަރާތުން ބޭރުގެ ކުޅިވަރު މީޑިއާތަކަށް އިންޓަވިއުދިން އޮފިޝަލް ވަނީ ބުނެފައެވެ.

މިރޭގެ މެޗާއި ކުރިމަތިލާއިރު ބާސާއިން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެފައި ވަނީ ދެމެޗުންނެވެ. އޭގެ ތެރެއިން އެންމެ ފަހުން ކުޅުނު މެޗުގައި ތާވަލުގެ އެންމެ ފުލުގައި އޮތް ހުއެސްކާ އަތުން އެޓީމު މޮޅުވީ 0-1 ގެ ހަނި ނަތީޖާ އަކުންނެވެ.

އެންމެ ފަހުގެ ނަތީޖާތަކަށް ބަލާ މިވަގުތު ލީގުގެ ޕޮއިންޓް ތާވަލުގައި ކުޅުނު 16 މެޗުން 28 ޕޮއިންޓް ހޯދައިގެން ބާސާއަށް ލިބެނީ ފަސްވަނައެވެ. އެތްލެޓިކް ކްލަބް ތާވަލުގެ ނުވަވަނައިގައި އޮތީ 17 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.